ޚަބަރު

4 ރެޑްބުލް ދަޅު ވަގަށްނެގި މީހަކު 2 މަހަށް ޖަލަށްލައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

4 ރެޑްބުލް ދަޅު ވަގަށްނެގި ކަމުގެ ކުށް ސާބިތުވި މީހަކު 2 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލަކު - ހޯދަޑު/ ދުންނިކަގެ, މުހައްމަދު ހަނީޝް ހަފީޒުގެ މައްޗަށެވެ.

އެ މައްސަލައަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ހެނދުނު 8:20 ހާއިރު މާލެ, އަފާސްމާޓް ފިހާރައިގެ ރެކުގައި ބަހައްޓާފައި ހުރި 4 ދަޅު ރެޑްބުލް ނެގި މައްސަލައެކެވެ.

އެ މައްސަލާގައި ހަނީޝްގެ މައްޗަށް ވައްކަންކުރުމުގެ ދައުވާ އުފުލި އެވެ. ދައުވާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ދައުވާއާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ހަނީޝް ބުނުމުން ދައުލަތުން ނިންމީ ދައުވާއަށް އިންކާރުކުރީ ކަމަށެވެ.

އެ ދައުވާ ސާބިތުކުރުުމަށް ދައުލަތުން 7 ހެކި ހުށެހެޅި ނަމަވެސް ދިފާއުން ހެއްކެއް ހުށައަޅާފައެއް ނުވެ އެވެ.

ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓް ތައްޔާރުކުރި ސާޖަންޓް ހަމްދޫން މުހައްމަދު ހެކިބަސް ދެމުން ބުނީ ހަނީޝް ފިހާރައިގެ ރެކުން 4 ރެޑްބުލް ދަޅު ނަގައި, އޭނާގެ ޖިންސު ތެެރެއަށްލައި ފިހާރައިން ނިކުންނަ މަންޒަރު ފެންނަ ކަމަށެވެ.

ކުށުގެ ދަރަޖައަށް ބަލާއިރު 500 ރުފިޔާއަށް ވުރެ އަގު ދަށް މުދަލެއް ވަގަށް ނަގައިފިނަމަ އެ ކުށުގެ ދަރަޖައަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.

އެހެންކަމުން 4 ރެޑްބުލް ދަޅުގެ އަގަކީ 160 ރުފިޔާ އެވެ. އަދި އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 2 މަހާއި 12 ދުވަށް ޖަލަށްލުމެވެ.

އެ މައްސަލަ ހަނީޝްގެ މައްޗަށް ސަބީތުވާކަމަށް ކަނޑައަޅާ ގާޒީ އިބްރާހީމް ޒިހުނީ ހުކުމްކުރި އެވެ.

ހަނީޝް ބަންދުގައި ހޭދަކުރި 30 ދުވަހު އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 1 މަހާއި 12 ދުވަސް ކަނޑައެޅި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!