ޚަބަރު އިޖުތިމާޢީ ސަރުކާރު

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން ޑިޒައިން މަސައްކަތް ފަށަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން ޑިޒައިން މަސައްކަތް ފަށަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

Ads by STELCO

އެ ހޮސްޕިޓަލް އިމާރާތްކުރުމުގެ ފީސިބިލިޓީ ސްޓަޑީ ނިމުމުން އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ސޮއިކުރުން އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި މެންދުރު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދު ﷲ މުއްތަލިބް ވިދާޅުވީ ޕްރޮޖެކްޓުގެ ދެން އޮތް ފިޔަވަހި ނުވަތަ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދު الله މުއްތަލިބް އެވެ. އަދި ޗައިނާގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިކްސިން އެވެ.

މި ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމާއި މިނިސްޓްރީގެ އިސްވެރިންނާއި ޗައިނާ އެމްބަސީ އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލް އެޅުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ. ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދަން އެ ގައުމުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ އަށެވެ.

މި ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ބިން ހުސްކުރަން ނިންމާފައިވާ ކަމަށް އޮގަސްޓު މަހުގައި ވަނީ އިއުލާން ކޮށްފަ އެވެ.

Ads by HDC