ބަދުނަސީބުގެ ނަސީބު އޮތީ ޓިކްޓޮކްގައި
ޓިކްޓޮކަކީ ރާއްޖޭގައި ބޮޑު އޯޑިއެންސެއް އޮންނަ ޕްލެޓްފޯމެކެވެ. ޓިކްޓޮކް ގޭމިންގް ތައާރަފްވެގެން ދިޔުމާއިއެކު މި އެޕްލިކޭޝަނަކީ އާމްދަނީ ހޯދަންވެސް އެއް ބަޔަކު ކޮށް އުޅޭ ކަމަކަށް ވެގެން ގޮސްފައިވާއިރު ޒުވާނުންގެ މެދުގައި މި ޕްލެޓްފޯމު ވަނީ ވަރަށް ބޮޑަށް މަގުބޫލުވެގެން ގޮސްފަ އެވެ.
ޔޫސުފް ޝަފީއުއޭ ބުނުމުން އެންމެންނަށްވެސް ފުރަތަމަ ހީވާނީ ދައްކަން މި އުޅެނީ ފިލްމީ އެކްޓަރުގެ ވާހަކަ ކަމަށެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ފިލްމީ ތަރީގެ ވާހަކައެއް ނޫނެވެ. މަގުބޫލު ނަމުންނަމަ ބަދުނަސީބުގެ ވާހަކަ އެވެ. ބަދުނަސީބު ނަމަކީ ޓިކްޓޮކަށް ހާއްސަކޮށް ޔޫސުފް ޝަފީއު އަމިއްލައަށް ކީ ނަމެކެވެ. މި ނަން ކިޔުނީ ނަސީބުވެރިކަން ނެތް މާނައާއި ގުޅުވަ އެވެ. އޭގެ މާ ބޮޑު ތަފްސީލަކަށް އޭނާ ނުދެ އެވެ.
ބަދުނަސީބުގެ އުމުރުން އެންމެ 21 އަހަރެވެ. ސްކޫލު ދުވަސްވަރު އޭނާ އެންމެ ވާން ބޭނުންވީ ސިފައިންގެ އޮފިސަރަކަށެވެ. މީގެ އަހަރުތަކެއް ކުރިން އެ ހުވަފެން ހަގީގަތަކަށްވެސް ވި އެވެ. އެކަމަކު އާއިލީ ކަންކަން ހުރި ގޮތުން ވަޒީފާ ދޫކޮށްލަން ޖެހުނީ އެވެ. އޭގެ ފަހުން އޭނާގެ އުފަން ރ. މަޑުއްވަރީގައިވެސް ވަޒީފާ އަދާކުރި އެވެ. ރިސޯޓެއްގައިވެސް މަސައްކަތް ކުރި އެވެ. އެކަމަކު މިހާރު ވަޒީފާއެއް އަދައެއް ނުކުރެ އެވެ.
ބަދުނަސީބުގެ އުމުރުން ވަރަށް ހަގުއިރު ރަށުގައި އޮތް ހަރަކާތެއްގައި ސަގާފީ ކުޅިވަރު ކުޅެން ފުރުސަތު ލިބުނެވެ. މި ފުރުސަތުގެ ބޭނުން ހިފީ އާއިލާގައިވެސް ސަގާފީ ކުޅިވަރަށް ޝައުގުވެރިކަން އޮތުމާއިއެކު އެމީހުންގެވެސް ތަރުހީބާއި އެކު އެވެ.
"އެލްޝޭމްލެސް ކިޔާ މީހެއް އަޅުގަނޑު ވަކިން ބަހައްޓައިގެން ބެރަށް ފައި ނަގަން ދަސްކޮށްދީ، އެއީ 2016. އޭރުން ފެށިގެން ބޮޑުބެރުގެ ޑާންސަށް ވަދެވުނީ"
އޭގެ ފަހުން ރަށު ބޮޑުބެރު ގްރޫޕަކާއި ގުޅުނެވެ. އާންމުންނަށް ބޮޑަށް އިނގެން ފެށީ ބޮޑުބެރު ގްރޫޕުގައި ނަށާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. ބަދުނަސީބު ޓިކްޓޮކަށް ޝައުގުވެރިކަން އުފެދުނީ މީގެ ތެރެއިންނެވެ. އެކަމަކު ފުރަތަމަ ފެށީ ވީޑީއޯ އެޑިޓްތަކެއް ހަދައި ޓިކްޓޮކަށް ޕޯސްޓު ކުރާށެވެ.
މިހެން އުޅެނިކޮށް އެއް ދުވަހަކު ރައްޓެހިންތަކަކާއިއެކު ސަކަރާތް ޖެހުމުގެ ގޮތުން ޓިކްޓޮކް ލައިވްއަކަށް އެރި އެވެ. ލައިވް ހޮސްޓިންއަށް ޝައުގުވެރިކަން އުފެދި ޓިކްޓޮކް ގޭމިންގެ ތެރެއަށް ވަދެވުނީ މިހާ ހިސާބުންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަދުނަސީބު ވަނީ ބޮޑު އޯޑިއެންސެއް ހޯދައިފަ އެވެ. އޭނާ އަކީ މިހާރު ރާއްޖޭގެ ޓިކްޓޮކްގައި އެންމެ ބޮޑު އޯޑިއެންސެއް ގެންގުޅޭ އެއް ހޮސްޓެވެ.
"އޯޑިއެންސް އެންޓަޓެއިން ކޮށްދީ ހެއްވާލާ، އެ އެނާޖީގަ ކުރިއަށް ގެންދަންޏާ އޯޑިއެންސް އޮންނާނެ... ހޭޓާސް ޖެހޭނީ ދޫކޮށްލަން، ޕޮޒިޓިވްކޮށް ތިންކް ކުރަން ޖެހޭނީ"
ބަދުނަސީބު ގަބޫލު ކުރާ ގޮތުގައި އެވަރު ބޮޑު އޯޑިއެންސެއް އޭނާގެ އޮންނަނީ އޭނާގެ މަޖާ މިޒާޖާއި ޕޮޒިޓިވް ވައިބުގެ ސަބަބުންނެވެ. އޭނާ ބުނާ ގޮތުގައި ވަކި މިންގަނޑެއްގެ ތެރޭގައި އަހުލާގު ހިފަހައްޓައި ޒުވާބުތަކާއި އެހެނިހެންވެސް ނުރަނގަޅު ކަންކަމުން ދުރުގައި ހުރެއްޖެނަމަ ޓިކްޓޮކްގައި ކުރިއަށް ދިޔުމަކީ އުނދަގޫ ކަމެއް ނޫނެވެ.
"ހަމަ ވަރަށް ބަރާބަރު ކަމެއް މީ. ކޮންމެ ކުއްޖަކަށްވެސް އެކަމެއް ކުރަން އެނގިއްޖެނަމަ ރަނގަޅު ކަމެއް ކުރަން"
މިދުވަސްވަރު ވަޒީފާއެއް އަދާ ނުކުރާތީ ބަދުނަސީބު ދުވަހުގެ ގިނަ ވަގުތު ހުސްކުރަނީ ލައިވް ހޮސްޓިންގަ އެވެ. ކުރިން ވަޒީފާގައި އުޅުނުއިރު ލައވްއަށް އަރަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުގަ އެވެ. މިއީ އާމްދަނީއެއް ހޯދަން ކުރެވިދާނެ ކަމެއްކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެކަމަކު ހިތްވަރާއިއެކު ކޮންމެ ކަމެއްވެސް ކުރަން ކެރެން ޖެހޭނެކަމަށްވެސް އޭނާ ބުނެ އެވެ.
ބަދުނަސީބު މިހާރު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރެވޭ ވަރުގެ ވަރުގަދަ ހޮސްޓަކަށް ވުމުގެ ހުވަފެނެވެ. ރާއްޖޭގައި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އޮންނަ ފުރުސަތުތައް ފަހިވެގެން ދާއިރު ކުރިއަށް އޮތް މުސްތަގުބަލުގައި މިފަދަ ކަންކަން ފުޅާވެއްޖެނަމަ ދިވެހިންނަކީވެސް ބޮޑެތި ގޭމަރުންނާއި ވާދަކޮށްލެވޭ ބަޔަކަށް ވެދާނެކަމަށް އޭނާ ގަބޫލު ކުރެ އެވެ.
"މިހާރު އިރާދަކުރެއްވިއްޔާ ފެމިލީ، ފްރެންޑްސް އެންމެންވެސް ވަރަށް ސަޕޯޓިވް. އެމީހުންގެ އައިޑީއާޒްވެސް ބޭނުންކޮށްގެން ކުރިއަރައިގެން މި ދަނީ"
ޓިކްޓޮކް ހޮސްޓިންއާ އެކުވެސް ބަދުނަސީބަށް ދުރަށް ނުދެވޭނެ ކަމަކީ ބޮޑުބެރެވެ. އޭނާ ބުނާ ގޮތުގައި ބޮޑުބެރަކީ ދިވެހިންގެ ލެޔެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް ބޮޑުބެރުގެ ތެރެއިން އޭނާ ފެންނާނެކަމަށް ކިޔައިދިނެވެ.