ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެ

ރ. އަލިފުށި ކައިރިއަށް ފީނަން ފައިބާ އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު ޒުވާނެކެވެ.
ކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަސް ހިފަން މޫދަށް ފައިބާ ވަނީ އެ ޒުވާނާ އާއެކު އިތުރު ދެ މީހުން ކަމަށެވެ. މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:08 ހާއިރު އެވެ.
"އެ މީހާ ނަގައިގެން ރަށު ހެލްތު ސެންޓަރަށް ވަނީ ގެންގޮސްފައި. އެ މީހާ ނިޔާވެފައިވާ ކަަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" މެސެޖުގައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބޭ ގޮތުން ނިޔާވީ އަލިފުއްޓަށް އުފަން ނަބީހު ހަސަނެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އެ ރަށު ދެކުނު ފަރާތު ކަނޑުއަޑިންނެވެ. ހަށިގަނޑު ފެނުން މައްޗަށް ނަގާފައި ވަނީ ޑައިވަރުންގެ ޓީމަކުން ކަމަށްވެ އެވެ.