ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރަން މަޖިލީހަށް ބިލެއް
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގ ފަރާތުން މައްޗަން ގޮޅީ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދު ހުށަހެޅި ބިލުގައި ބުނީ އެއީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ހުށަހަޅާ ބިލެއް ކަމަށެވެ.
އޭގެ އިތުުރުން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެނެވޭ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ވޭޕްކުރުން މަނާކުރަން ސަރުކާރުން ނިންމާފައިވާ އިރު 15 ޑިސެމްބަރުން ފެށިގެން އެފަދަ ތަކެތި ރާއްޖޭގައި ވިއްކުން މަނާވާނެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ވޭޕްއާއި އީ ސިނގިރޭޓާއި އެފަދަ އާލާތްތަކުގެ ބައިބައިން 200 ޕަސެންޓް ޑިއުޓީ ނަގާނެ އެވެ.
އަދި ކޮންމެ ސިނގިރޭޓާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ އެވެ.
އަދި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ އެވެ.