ޖިންސީ ގޯނާގެ މައްސަލައިގައި ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ރޭ 21:59 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޝާހިދު ދޫނިދޫއަށް ގެންގޮސްފައެވެ.
ހައްޔަރުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޝާހިދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ސިޔާސީ ގޮތުން އޭނާގެ އަބުރު ކަތިލުމަށް ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިޔާސީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޝާހިދު ހައްޔަރުކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.





ކޮމެންޓް