1.8 ކިލޯގެ މަސްތުވާތަކެތި ފެނިގެން އެއާޕޯޓުން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

ލަގެޖުން 1.8 ކިލޯގެ މަސްތުވާތަކެތި ފެނިގެން ވީއައިއޭއިން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. ދަނބިދޫ, އެނބޫމާ, އުމުރުން 33 އަހަރުގެ ޔޫސުފް ޝާހީން އެވެ. އޭނާގެ ބަންދަށް 15 ދުވަސް ދީފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑު އޮންނަ ކަމަށެވެ.
ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެތި އަތުލައިގަތީ ހޮނިހިރު ދުވަހު ބެންކޮކްގެ ފްލައިޓަކުން ރާއްޖެއައި ދިވެއްސެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ފެނުނު މަސްތުވާތަކެތި މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނި އެވެ.
ކަސްޓަމުން ބުނީ އެ ތަކެތީގެ މަގުމަތީ އަގަކީ 3.3 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ފުލުހުުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.