ގއ. އަތޮޅު ފަޅު ރަށަކުން މަސްތުވާތަކެތި ހޯދައިފި

ގއ. އަތޮޅު ފަޅުރަށެއްގައި ރައްކާކޮށްފައިހުރި 168 ގްރާމުގެ މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ އެ ތަކެތި ހޯދާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންއެއް ގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި އެރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ޕެކެޓްގައި ހުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައިވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އިން ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.