މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ޒިޔާއު ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު ވަކިކޮށްފި އެވެ.
ޒިޔާއު މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ.
ޒިޔާއު ވިދާޅުވީ އޭނާގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ މަގާމުން ވަކިކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދާ ހިލާފަށް ކަމަށެވެ.
ޒިޔާއު ތުހުމަތު ކުރެއްވި ގޮތުގައި އޭނާ މަގާމުން ވަކކުރީ ޕާލަމެންޓަރީ ސާވިސްގެ ގަވައިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ހިލާފަށް ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ނެވެ.
އަދި އޭނާ ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓާ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަދައްކާތީ ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ޒިޔާއު ވިދާޅުވި އެވެ.
"ޕަލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އަޅުގަނޑު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ވާހަކަ މީޑިއާގެ މައުލޫމާތައްޓަކާ ދަންނަވަމެވެ." ޒިޔާއު އިތުރަށް ވިދާޅުވި އެވެ.