ވޭޕް މަނާކުރުމުގެ ކުރިން އެތެރެކުރާ ވޭޕަށް ނަގާ ޑިއުޓީ ބޮޑުކުރާ ބިލު ކޮމިޓީއަށް
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާއިރު އޭގެ ކުރިން އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ މުޅި މަޖިލީސް ކޮމިޓީއަށް ފޮނުވައިފި އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.
މިއަދު އެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓަށް އަހާފައިވާއިރު އެ ބިލް ބަލައިގަތުމަށް ފާސްވެފައިވަނީ 65 މެންބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް 3 މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ މެންބަރަކު ވެސް ހިމެނެ އެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެންބަރު 15 އިން ފެށިގެން މަނާ ކުރަން ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ބިލުގައި ބުނެފައިވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ ކަމަށާއި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ ކަމަށެވެ.