ޚަބަރު

ވޭޕް މަނާކުރުމުގެ ކުރިން އެތެރެކުރާ ވޭޕަށް ނަގާ ޑިއުޓީ ބޮޑުކުރާ ބިލް ސަބް ކޮމިޓީއަށް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މީހަކު ވޭޕްކުރަނީ---

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާއިރު އޭގެ ކުރިން އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ, މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވާލި ބިލް ދިރާސާކުރަން މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވާލުމަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފި އެވެ.

Ads by STELCO

އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ މުޅި މަޖިލިސް ކޮމިޓީގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ސަބް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އަދި އެ ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ތާއީދުކުރެއްވި އެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެންބަރު 15 އިން ފެށިގެން މަނާ ކުރަން ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ބިލުގައި ބުނެފައިވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ ކަމަށާއި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!