ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލް ސަބް ކޮމިޓީއަށް!
ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ, މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވާލި ބިލްތައް ދިރާސާކުރަން މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވާލުމަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފި އެވެ.
އެ ތިން ބިލަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީއާއި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއާއި ގްރީން ޓެކްސްގެ ބިލެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ (މުސްތޮ) ހުށަހެޅުއްވި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލަށް މުޅި މަޖިލިސް ކޮމިޓީގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ މުވައްޒަފުންނަށް ހާއްސަކުރެވިގެން ރިސޯޓްތަކުގެ ހިންގާ ފިހާރަތަކުގެ އިތުރުން ކެފޭތައް އެ ޖީއެސްޓީއިން އުނިކުރުމަށް ހުށަހަޅާފަ އެވެ. އެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އެވެ.
އޭގެ އިތުރުން އެ ބިލުގައި ހިމަނާފައިވާ ތާރީހަކީ ކުރު މުއްދަތެއް ކަމަށްވާތީ އެ ތާރީހު އޮކްޓޯބަރު 31 އަށް އިތުރުކޮށްދިއުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގެ ބަދަލުގައި އެ ބިލް ދިރާސާކުރަން އިގްތިސޯދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ހުށަހެޅުއްވި އެވެ. އެ އިސްލާހަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ތާއީދުކުރެއްވި އެވެ.
މައުރޫފް ޒާކިރު ވަނީ 17 ޕަސެންޓަށް އެ ޓެކްސް ބޮޑުކުރާއިރު ގެސްޓް ހައުސްތަކާއި އުތުރާއި ދެކުނުގެ ޓޫރިޒަމް ޒޯން އިސްތިސްނާ ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ އިސްލާހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ތާއީދުކުރެއްވި އެވެ.
ދަނގެތީ ދާއިރާގެ މެންބަރު އަބްދުالله ރަޝީދު މި ބިލަށް ހުށަހެޅުއްވި އިސްލާހަކީ 100 އިންސައްތަ ދިވެހި އިންވެސްޓަރުންގެ މަސައްކަތެއްނަމަ 16 ރޫމަށްވުރެ މަދުނަމަ މިހާރު ނަގާގޮތަށް 3 ޑޮލަރު އަދި ސަފާރީތަކުގައި 14 ރޫމަށްވުރެ މަދުނަމަ މިހާރު ނަގާގޮތަށް 6 ޑޮލަރު ނެގުމަށެވެ. އެ އިސްލާހަށް ތާއީދެއް ނުލިބެ އެވެ.
އެ ބިލު ސަބްކޮމިޓީއަކަށް ފޮނުވާލަން ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ގްރީންޓެކްސް ބޮޑުކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކޮންގްރެސް މެންބަރު މުސްތަފާ ހުސައިން އެެވެ. އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލިސް ކޮމިޓީގައި ވާހަކަ ދެކެވި ސަބް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ އިސްލާހަށް އައްބާސް ތާއީދުކުރެއްވި އެވެ.
އެ ބިލު ސަބްކޮމިޓީއަކަށް ފޮނުވާލަން ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
އޭގެ އިތުރުން ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ކޮންގްރެސް މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވި ބިލް ދިރާސާ ކުރުމަށް މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވާލުމުން ސަބް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ފަލާހެވެ.
އެ ހުށަހެޅުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ތާއީދުކުރެއްވި އެވެ.
އެ ބިލު ސަބްކޮމިޓީއަކަށް ފޮނުވާލަން ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.