އައްސޭރި ޖަލުގައި މިސްކިތެއް ހުޅުވައިފި
މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެލް) އިން ކ. ހިންމަފުށީ އައްސޭރި ޖަލުގައި މިސްކިތެއް ހުޅުވައިފި އެވެ.
"މަސްޖިދުލް ޔޫސުފް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މިސްކިތަކީ ހެޔޮ އެދޭ ވިޔަފާރިވެރިންނާއި ވަރަށް ގިނަ ފަރުދުންގެ ދީލަތި އެހީއާއެކު އެ މިސްކިތް އަޅާފައިވާ މިސްކިތެއް ކަމަށެވެ.
އަދި އެކަމަށް އެ ފަރާތްތަކާއި ހިންމަފުށީ ކައުންސިލަށް މިނިސްޓަރު ޝުކުރުއަދާކުރައްވާފައިވާއިރު، އައްސޭރި ޖަލުގެ ޑައިރެކްޓަރަށާއި އޮފިސަރުންނާއި ގައިދީންނަށް ވެސް މިނިސްޓަރު ޝުކުރުއަދާކުރައްވާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ މީގެ ކުރިން އައްސޭރި ޖަލުގައި ނަމާދު ކުރުމުގެ ކަންތައްތައް ކުރިއަށް ދިޔައީ މަސައްކަތްކުރާ ތަނުގައި ކަމަށެވެ. އަދި ޖާގަ ނެތުމުން އެކަކު ނަމާދުކޮށް ނިމެންދެން އަނެކަކު ބައެއް ފަހަރު މަޑުކުރަން ޖެހޭ ޖެހުން، މި މިސްކިތުގެ ސަބަބުން ހައްލުވެގެންދާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އެވެ.
އެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް މިނިސްޓަރު އަހްމަދު އަލީ ހަބީބްއާއި، އެޑިޔުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު އަދި އެޓަނީ ޖެނެރަލް އަހްމަދު އުޝާމްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ބައިވެރިވެވަޑައިގަތެވެ.
ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު މަސްޖިދުލް ޔޫސުފް ބިނާކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ 22 އޮގަސްޓްގައި ފަށާފައިވާއިރު، ހުއްދަތައް ލިބިގެން އަމަލީ ގޮތުން މަސައްކަތް ފަށާފައިވަނީ 17 އޮގަސްޓް 2023 ގައެވެ. 130 މީހުންގެ ޖާގައިގެ މަސްޖިދުލް ޔޫސުފް ބިނާކުރުމުގެ މަސައްކަތްކޮށްފައިވަނީ އައްސޭރި ޖަލުގެ ގައިދީންނާއި ޕްރިޒަން އޮފިސަރުންނެވެ.
ތިޔަ މަސައްކަތް ކުރެއްވި އެންމެހާ ފަރާތް ތަކަށް ﷲ ހެޔޮ ދަރުމަ ދެއއވާށި. އާމީން