ގުރައިދޫން 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ކ.ގުރައިދޫގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުންދިޔަ 30 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތައް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ފެށި އޮޕަރޭޝަން ފުރަތަމަ ގުރައިދޫގައި ހިންގާފައިވާއިރު އެރަށުން 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
އިމިގްރޭޝަންގެ 20 އޮފިސަރުންނާއި 9 ފުލުހުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 11 ބިދޭސީން އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުން ދީފައިވާއިރު، ވަޒީފާ ދޭ 5 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ގޮތުގައި ބަގުލަދޭޝް މީހުންނާއި، ސްރީލަންކާ މީހުންނާއި، ނޭޕާލް މީހުންގެ އިތުރުން ނައިޖީރިއާ މީހުން ހިމެނޭ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 10:30 އިން ފެށިގެން ހަވީރު 5:30 އަކަށް 8 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އާއި ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް އިމިގްރޭޝަންއިން ބުންޏެވެ.
އޮޕަރޭޝަންއާ ގުޅިގެން ޝަމްއާން ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިއުމާ ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުނު މަސައްކަތެއް ކަމަށެވެ.
އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އެމީހުންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން، އިމިގްރޭޝަން ވޮޗް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އިމިގްރޭޝަން ވޮޗް އިފުތިތާހުކުރި ފަހުން މިހާތަނަށް ޖުމްލަ 861 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.