ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ރައީސްގެ ބައްޕާޕުޅު ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާޕުޅު, ޝައިހް ހުސައިން އަބްދުއްރަހްމާން ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.
ރައީސްގެ ބައްޕާފުޅުގެ ހިދުމަތުގެ އަގުވަޒަންކުރައްވާފައިވަނީ ރޭ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "އިސްތިރާޖީ އަމަލީ ތަދުބީރު 2025-2027" އިފުތިތާހުކުރުމުގެ ރަސްމިއޔާތުގަ އެވެ.
އެގޮތުން ޝެއިހް ހުސައިންއަށް ދެއްވި ގައުންކޮޅާ ހަވާލުވެވަޑައިގެންނެވީ ރައީސް މުއިއްޒެވެ.
ޝެއިހް ހުސައިންއަކީ 5 އޮކްޓޫބަރު 1980 ގައި ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ނައިބުކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓްރީގައި އިސްލާމީ ތައުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމުގައިވެސް ޝެއިހް ހުސައިން އަދާކުރައްވާފައިވެ އެވެ.
"އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީގޮތުން މަގްބޫލު އެތައް ޕްރޮގްރާމްތައް މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވާއިރު ދީނީ ތައުލީމު އުނގަންނައިދެއްވުމުގެ އިތުރަށް އިލްމީ އެކި މައުލޫތައް ދިރާސާކުރާ ލިޔުންވާފައިވެ އެވެ.
އޭގެ އިތުރުން އިސްލާމްދީނަށް ހިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް ޝައިހް ހުސައިން މަސައްކަތްކުރައްވާފައިވެ އެވެ.
ޝައިހް ހުސައިން ޝަރީއަތާ ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއިންނެވެ.