ޓޫރިޒަމް ޓެކްސްތަކާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
ޓޫރިޒަމްގެ ތިން ޓެކްސްއަކާއި ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
އެ ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީންނެވެ.
އެ ކޮމިޓީގައި އިންނަވާ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އަވަހަށް ނިންމަންޖެހޭ މަސައްކަތަކަށްވާތީ މާދަމާގެ މެންދުރުފަހު 2 ޖެހުމުގެ ނިޔަލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލުމަށެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އާންމުންގެ ހިޔާލު ހޯދަން ހުޅުވާނީ ބަދަލުތަކެއް ގެނެވޭނެ ކަންކަން ކަމަށާއި އެކަމަކީ ޕޮލިސީ ލެވެލްގައި ނިންމާފައިވާ ކަމެއް ކަމަށެވެ. ޣަފޫރުގެ ވާހަކަ އަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވެސް ތާއިދުކުރައްވާފަ އެވެ.
ޝުޖާއު ހުށަހެޅުމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހް ތާއީދުކުރެއްވި އެވެ.
އެހެންނަމަވެސް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވީ އާންމުންގެ ހިޔާލު ހޯދަން 5 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ ހުށަހެޅުމަށް ހުޅުމާލެ ދެކުނު ދާއިރާ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވަނީ ތާއިދުކުރައްވާފަ އެވެ.
އެ ހުށަހެޅުމާ ގުޅިގެން ޝުޖާއު ސިފަކުރެއްވީ އެއީ އެމްޑީޕީން ކުރާ 'ޖެއްސުމެއް'ގެ ގޮތުގަ އެވެ.
"މިކަމުގެ ބާވަތުން އަޅުގަނޑުމެން މީގެ ޓައިމްލައިނެއް ކަނޑައަޅާ, ރައްޔިތުންގެ ހިޔާލު ހޯދުމަށް ދެންނެވީމާ އެމްޑީޕީއިން މިހާރު އެއުޅެނީ ޖެއްސުންކުރަން. އެހެންވީމާ ޖެއްސުންކުރުމުގެ ގޮތުން ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅަައިގެން އެ އުޅެނީ މިކަން ދިގުދަންމާ, މިކަން ވިޔަ ނުދިނުމައްޓަކައި ކުރެވޭ މަސައްކަތް"
ޝުޖާއު ހުށަހެޅުމަށް 14 ވޯޓާއެކު ފާސްވެފައިވާއިރު އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.
ބިލާ ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކުގެ ކޮމެންޓް ހޯދުމަށް ނުވަތަ ބައްދަލުކުރުމާ ގުޅޭ ގޮތުން މަޓޭ ހުށަހެޅުއްވީ އެ ކަމާ ގުޅުންހުރި ވިޔަފާރިތަކާއި ޖަމިއްޔާތަށް މަޖިލީހަށް ހާޒިރުކުރުމަށެވެ. އެގޮތުން މަޓޭ ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި ސަފާރީ ބޯޓުތަކުގެ ޖަމިއްޔާއާއިި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފާހަގަކުރައްވާފަ އެވެ. އެ ހުށަހެޅުމަށް ޝަމްހީދު ތާއީދު ކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ އެ ޖަމިއްޔާތަކުގެ ތެރޭގައި ޕަބްލިކްކޮށް ތާއީދުކޮށްފައިވާ ޖަމިއްޔާތައް ހިމެނޭ ކަަމަށެވެ. އަދި މާދަމާ 2 ޖެހުމުގެ ނިޔަލަށް ލިޔުމުން އެ ފަރާތްތަކަށްވެސް ކޮމެންޓް ހުށަހެޅޭނެ ކަމަށާއި ކޮމެންޓް ލިބިއްޖެނަމަ ބައްދަލުކުރާ ގޮތަށް ޝުޖާއު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމަށް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުالله ޝަރީފް ތާއީދުކުރެއްވި އެވެ. ވޯޓަށް އެހުމުން 13 ވޯޓާއެކު ހުށަހެޅުން ފާސްވެފައިވެ އެވެ.
ޓޫރިޒަމް ދާއިރާގެ ތިން ބިލަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީއާއި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއާއި ގްރީން ޓެކްސްގެ ބިލެވެ.