އަހަރެން ތިބާ އަށް ދިނީ ‘ވަފާތެރިޔާ' ގެ ލަޤަބެވެ. އެ ލަޤަބަށް ‘ބޭ' އިތުރު ކުރީ ތިބާ އަމިއްލަޔަށެވެ.
ކޮންމެ މީހަކުވެސް، ލޯބީގެ ގުޅުމެއް ފަށާނީ ވަރަށް ގިނަ އުއްމީދުތަކަކާއެކުއެވެ. ހުވަފެންތަކަކާ އެކުގައެވެ. ނަމަވެސް، ދުނިޔެ އެނބުރެނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން، އެއްވެސް ކަމެއް އެއްގޮތަކަށް ނޯންނާނެކަން ކަށަވަރެވެ. އެއްދުވަހު ލޯބިން އުޅެފައި އަނެއް ދުވަހު ދުނިޔެ އަށް ގިނަ ވެގެން އުޅެން ޖެހިދެއެވެ.
އެހެން މީހުންނެކޭ އެއްފަދައިން، އަހަރެން ވެސް ލޯބީގެ ގުޅުމެއް ފެށީ ތިބާ އާއި އެކު އުފާވެރި ކަމާއި އެކު އުޅެވޭނެ ކަމަށް ހިތައެވެ. އާނއެކެވެ. ފުރަތަމަ ދުަވަސްވަރު އުޅުނީ ނުލާހިކު ލޯބިންނެވެ. ނަމަވެސް، ތިބާއަށް އަހަރެންހެ ފަރާތުން ލިބެމުން ދިޔަ ލޯބިން ނުފުދުނީ ނޫން ހެއްޔެވެ؟
މީގެ އަހަރުތަކެއް ކުރި އެވެ. އޭރު އަހަންނަކަށް ތިބާ އަކީ ކާކު ކަމެއް ނޭނގެއެވެ. އަހަރެމެން ފުރަތަމަ ދިމާވި ދުވަސް މަތިން ހަނދާން ވޭ ހެއްޔެވެ؟ އެ ދުވަހު އަހަރެން އުޅުނީ އަހަރެންގެ އެންމެގާތް އެކުވެރިޔާ އާއި އެކުގައި އެވެ. އެ ދުވަހު އެ އެކުވެރިޔާ ގާތުގައި ތިބާގެ ވާހަކަ ނުދައްކާ، ހުރިހާ ސަކަރާތެއް އަމިއްލައަށް ޖެހުނު ނަަމައޭ މިހާރު ހިތަށް އެބަ އަރައެވެ. ނަމަވެސް، އެއީ މާޒީއެވެ. މާޒީ އާއި ދޭތެރޭ ވިސްނައިގެން ވާނެ ފާއިދާއެއް އެބައޮތް ހެއްޔެވެ؟
ތިބާއަށް އަހަރެން ތަޢާރަފް ކޮށް ދިނީ އެ އެކުވެރިޔާއެވެ. ފުރަތަމަ ނަޒަރުން ވެސް، ހިތުގެ ކަނެއްގައި ތި ސޫރަ ކުރެހުމުން، ތިބާގެ ރަހުމަތްތެރިއެއްގެ ލަގަބު އެކަނި ލިބުނަސް އަހަރެން ހުރީ ހެޔޮކަމަށެވެ. ކޮންމެއަކަސް، ކަންތައްތައް ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އަހަރުމެން ދެ މީހުން މުޅި ދުވަސް ހޭދަ ކުރީ ވާހަކަ ދެއްކުމުގައެވެ. މެސެޖު ކޮށްގެންނާއި ގުޅައިގެންނެވެ. އެކަކު އަނެކަކަށް ފޮޓޯ އާއި ވީޑިއޯ ފޮނުވުމުގައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ތިބާ އަހަރެންގެ މީހަކަށް ހެދުމަށް ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ކަން ދިމާކުރި ގޮތުން، ތިބާ ގެ ހިތް ވެސް އަހަންނާ ދިމާ އަށް ލެނބިގެން ދިޔައީ ނޫން ހެއްޔެވެ؟ އަދި ހަމަ އެހެންމެ، އެއް ރޭ ފޯން ކޯލެއްގެ ތެރެއިން ތިބާ އާއި އެކު ލޯބީގެ ގުޅުމެއް ފެށުމަށް އެދުނެވެ. އެދުވަހު އަހަންނަށް ހީވީ ދުނިޔޭގެ ހުރިހާ އުފާ ތަކެއް އަހަންނަށް ލިބުނުހެންނެވެ. ނަމަވެސް، އޭރު އަހަންނާ ކުރިމަތިވާން އޮތް ބޮޑު ކޮޅިގަނޑުގެ އަސަރު ކުޑަކޮށް ވެސް ރޭކާލި ނަމަ މިހެން ނުވީސް ކަންނޭނގެއެވެ.
ލޯބީގެ ގޮތުން ގުޅުމަށް ފަހު ތިބާގެ ކިބައިން ލޯތްބާއި އަޅާލުން ނޫން އެއްޗެއް ނުލިބެއެވެ. ތިބާ ވެގެން ދިޔައީ އަހަރެން ހީ ވެސް ނުކުރާ ފަދަ ޖަވާހިރަކަށެވެ. އަހަރެންގެ ހިތުގައި ފަރުވާ ނުލިބިފައިވާ ޒަޚަމްތަކަށް ފަރުވާއަކަށް ވީ ވެސް ހަމަ ތިބާއެވެ. އަހަންނަށް ދުނިޔެއިން އޭރު ނުލިބި އޮތް ހުރިހާ އުފަލެއް ހޯދައި ދިނުމަށް ތިބާ ކުރި ވަޢުދުތައް މަތިން ހަނދާން ނެތުނީ ހެއްޔެވެ؟
އަހަރުމެންގެ މި ލޯބީގެ ގުޅުމަށް ތިން މަސް ވާން ކައިރި ވެފައި ވަނިކޮށް އަހަރެންގެ އުފަން ދުވަސް ޖެހުނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އޭނާ އާއި އެކު ހެދުން ފިހާރައަކާ ދާން ކިޔާތާ ދެތިން ރޭ ފަހުން، އަހަންނަށް ވަގުތެއް ވީ އެ ރޭގައެވެ. އެހެންކަމުން އޭނަ އާއި އެކު އެރޭ ފިހާރައަށް ދާން ގެއިން ނިކުތީމެވެ. ނަމަވެސް އޭނަ މިސްރާބު ޖެހީ އެހެން ދިމާ އަކަށެވެ.
ވާނުވާ ނޭނގިފައި އަހަރެން އޭނަގެ ސައިކަލުގެ ފަހަތުގައި އިނީމެވެ. އަހަންނަށް ކުއްލި ހައިރާން ކަމެއް ލިބުނީ އޭނަ ގޮސް ތިބާގެ ގޭގެ ދޮރޯރި ކުރިމައްޗަށް މަޑުކުރުމުންނެވެ.
ހަމަ އެވަގުތު، ތިބާ ގޭގެ މައި ދޮރުން ނިކުމެގެން އައީ ރަތް ފިނިފެންމަލެއް ހިފައިގެންނެވެ. އަތް ދިގު، ހުދު ގަމީހެއްގައި ތިބާ ފެނުނީ ސާދަ ވިލޭރޭގެ ހަނދަށް ވުރެ ވެސް ފުރިހަމަ އަށެވެ. ތިބާއަހަރެންގެ އަތަށް އެ މާ ދީފައި ކުޑަކޮށް ބައްދާލުމަށްފަހު ލޯބިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް، އެ ވާހަކަ ޤަބޫލު ކުރެވުމު ކަމުގެ މޮޔަ މިހާރު ހީ އެބަ ވެއެވެ.
ތިބާ އަހަރެންގެ 19 ވަަނަ އުފަން ދުވަހަށް ތި ގޭގެ ސިޓިން ރޫމް ތައްޔާރު ކޮށްފައި ވަނީ ވަރަށް ވެސް ފުރިހަމަ އަށެވެ. ފާރުގައި ‘ހެޕީ ބާތުޑޭ ލަވް' އޭ ޖަހާފައި އޮތް އިރު، ކުޑަ މޭޒެއް މަތީ ހިތުގެ ބައްޓަމަށް ހުރި ކޭކެއް އިނެވެ. ފޮޓޯ ތަކުން ފެންނަ ކޭކާއި އަލާބަލާއިރު އެ ކޭކު ހުތުރަސް، އަަހަންނަށް އެ ކޭކު ފުރިހަމަ ވީ، އެއީ ތިބާގެ އަމިއްލަ އަތުން ތައްޔާރު ކުރި އެއްޗަކަށް ވުމުންނެވެ.
އެރެއަކީ އަހަރެންގެ އުފަން ދުވަސް ކަމުން ކުޑަ ގޮތަކަށް ފާހަގަ ކޮށްލަން ބޭބެ ވެސް ބޭނުން ވިއެވެ. އެެހެން ކަމުން، ބޭބެ އެރޭ ގުޅީ އެ ގޭގައި ހުއްޓައެވެ. އިރުކޮޅަކުން ބަލާ އަންނާށޭ ބުނެ، އަހަރުމެން އަވަސް ވެގަތީ ކޭކު ފެޅުމަށެވެ. އަހަރެން ތިބާ އާއި އެކު އެހާ ގިނަ ފޮޓޯ ނެގުނީތީ މިހާރު ދެރަ ވެސް ވެއެވެ. ފޮޓޯ ނެގި ގަޑީގައި އަހަރެންގެ އެކުވެރިޔާ ތިބާ އާއި އެހާ ކައިރިން އުޅުމުން އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. އަހަރެން ހީކުރީ އެންމެން އެގަޑީގައި މާ ފޯރީގައި ތިބުމުން ވީ ކަމެއް ކަމަށެވެ.
ބޭބެ އަހަރެން ބަލާ އައުމުން ތިބާ އަހަރެންގެ ގާތުގައި ލޯބިވާ ވާހަކަ ތަކުރާރު ކުރިއެވެ. އަދި އެހާ ލޯތްބާއި އެކު ދެން ދާށޭ ވެސް ބުންޏެވެ. ކާރުގެ ބަރުގޮނުގެ އަޑު އިވުމާއެކު އަހަރެން އަވަސް ވެގަތީ ބޭރަށް ނިކުތުމަށެވެ. ކާރަށް އަރާ އިރުކޮޅެއް ވީ ތަނާ އަހަންނަށް އަހަރެން ގެ އަތުގައި ދަބަސް ނެތްކަން ފާހަގަވިއެވެ. އެވަގުތު ބޭބެ ގެ ފޯނުން ތިބާއަށް ގުޅަން ވެސް ގުޅީމެވެ. އެހެނަސް،ތިބާގެ ފޯނު ކޮންމެ ފަހަރަކު ރިންގު ވެފައި ކެނޑެނީއެވެ. އަހަރެން ހީކުރީ ނުދަންނަ ނަމްބަަރަކުން ގުޅީމަ ނުނަގަނީ ކަމަށެވެ.
ކޮންމެއަކަސް، ބޭބެ އާއި ބޭބެގެ އެކުވެރިން ތަކަކާއެކު އަތިރި މަތީ ގައި ސަކަރާތް ޖަހަން އުޅެފައި، ކޭކެއް ފެޅުމަށްފަހު ގެއަށް ދިޔުމަށް އެންމެން މިސްރާބު ޖެހިއެވެ. ނަމަވެސްް، އަހަންނާއި ބޭބެ ދިޔައީ ތިބާގެ ގެއަށް އަހަރެންގެ ދަބަސް ބަލައެވެ. ގޭގެ ދޮރުނުޖަހާ ހުރުމުން އަހަރެން އަވަސް އަވަހަށް ކާރުން ފައިބައިގެން ތި ގެއަށް ވަދެގެން ދިޔައީމެވެ.
އެވަގުތު އަހަންނަށް ފެނުނު މަންޒަރަކުން އަހަރެންގެ ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ހުރެވުނު ތަން ވެސް ނޭނގޭ ކަހަލައެވެ. އާނއެކެވެ. ތިގޭގެ ސޯފާ މަތީގައި ތިބާގެ އުނގަށް ބޯލައިގެން ނިދިފައި އޮތީ އަހަރެން އެމީހަކަށް އެންމެ އިތުބާރު ކުރި އަހަރެންގެ އެކުވެރިޔާއެވެ. ބުރުގާ އަޅައިގެން ގަޔަށް ދޫ ކަޅު ހެދުން ނޫނީ ނުލާ އެ އެކުވެރިޔާ އޮތީ ބުރުގާ ނަގާލާފައެވެ. ތިބާގެ އިނގިލިތައް ވަނީ އޭނާގެ އިސްތަށިގަނޑު ތެރެއަށް މަހާލެވިފައެވެ. އޭނަ އެރޭ ލައިގެން އިން ކަޅު ހެދުން އޮތީ އަނެއް ސޯފާ މަތީގައެވެ. އަދި އޭނަ ހުރީ ގޭގައި ލާން ގެންގުޅޭ ކުރު ޓީޝާޓުކޮޅަކާއި ޓައިޓެއްގައެވެ.
ބޭއިޚްތިޔާރުގައި އަހަރެންގެ ދެ ލޮލުން ހޯސް ލާފައި ކަރުނަ އަންނަން ފެށިއެވެ. އެ މަންޒަރު ބަލަން އިތުރަށް ކުޅަދާނަ ނުވުމުން އަހަރެން ކާރާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ހުރި ހާލުފެނިފައި ބޭބެ އަށް ކަމެއް ގޯސް ވެއްޖެކަން ޔަޤީން ވިއެވެ. އެހެންކަމުން، އެއްވެސް ސުވާލެއް ކުރުމެއް ނެތި ބޭބެ މިސްރާބު ޖެހީ ތިބާގެ ގެއަށް ވަނުމަށެވެ. ގޭގެ ދޮރު ހުރީ ނުލައްޕާކަމުން ބޭބެއަށް ވެސް އެ މަންޒަރު ފެނުނެވެ. އެ ބޭބެގެ މޫނުގެ ކުލަވަރު ބަދަލު ވިތަން އެންމެ ރީއްޗަށް ފެންނާނެ މީހަކީ އަހަންނެވެ.
އައި ރުޅީގައި ބޭބެ ވަރަށް ބާރަށް ތިބާ އަށް ގޮވިހަނދާން ވޭ ހެއްޔެވެ؟ ސިއްސައިގެން ގޮސް ކޮޅަށް ޖެހުނު ހަނދާން ވޭ ހެއްޔެވެ؟ ތިބާ އެ ރޭ އެއްވެސް ލަދެއް ނުގަންނަމެއް ނޫން ހެއްޔެވެ؟ތިބާގެ އަތުން އަހަރެންގެ ދަބަސް އަތުލުމަށްފަހު، ބޭބެ ކާރަށް އެރިއިރު އަހަރެން އޮތީ ރޮއެ ހޭރޭށެވެ. ތިބާ އަށް އެ މަންޒަރު ވެސް ފެންނާނެކަން ގައިމެވެ. އެހެން ނަމަވެސް، ތިބާ އަށް ކަމެއްގޯސް ވެގެން އުޅޭހެން ހީވެސް ނުވާ ކަހަލައެވެ.
މުޅި އެ ރޭ ހަތަރުދަމު އަހަރެން ހޭދަ ކުރީ ހިތާމަ ކުރުމުގައެވެ. މަދަދުވެރިވީ ބޭބެ އެކަންޏެވެ. ކަން ވާނީ ވެސް މިހެންތާ އެވެ؟ އެ މަންޒަރު އެންމެ ރީއްޗަށް ފެނުނު އެކަކީ އަހަރެންގެ ބޭބެއެވެ. މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ އަހަންނަށް މިއަދު މިވަނީ ތަހައްމަލު ކުރަން ޖެހިފައެވެ.ހުރިހާ ކަމެއް ހިއްސާ ކޮށްގެން އެންމެ ގާތްކޮށް ގެންގުޅުނު އެކުވެރިޔާ ވެސް އަހަރެންގެ އަތުގައި ދަތްއެޅީއެވެ. ނުވީތާކަށް، އަހަރެން އެ މީހަކު ދެކެ އެންމެ ލޯބި ވި ލޯބިވެރިޔާ ވެސް ބޭވަފާތެރިވީއެވެ.
އޭރު އަހަންނާ އެކު އުޅުނު ލޯބި ވެރިޔާ މިއަދު ކޮބައި ހެއްޔެވެ؟ އަދި އެކުގައި ދިރިއުޅުމަށް އެތަކެއް ވައުދާއި އަހުދު ތަކެއް ވި ލޯބިވެރިޔާ ވެސް މިވަނީ އަހަރެންގެ ބީރައްޓެސަކަށް ވެފައެވެ. މިކެހިވެރި ދުނިޔޭގައި، ގިނިކަންޏާ އެކަނި ތެޅެން މި ޖެހުނީ އަހަންނަށެވެ.
އަހަރެންގެ ސިކުނޑި ތެރޭގައި މިހާރު އެނބުރެނީ ހުސް ޖަވާބު ނުލިބޭނެ ފަދަ ސުވާލު ތަކެވެ. އަހަންނަށް މި ހާލު ޖެހުނީ ލޯބީގެ މައިދާނަށް އެއްވެސް ތަޖުރިބާ އަކާއި ނުލައި ނިކުމެވުމުން ބާވައެވެ؟ އަހަރެންގައިން އުނިވީ ކޮން ސިފައެއް ހެއްޔެވެ؟ އަހަންނަށް ތިބާ އަށް ކޮށް ނުދެވުނީ ކޮން ކަމެއް ބާވައެވެ؟
ވެދާނެއެވެ. އަހަރެން އެހެން މީހުނަށް މާ ހެވީއެވެ. ނަަަމަވެސް މިކަމަކާ ހިތާމަ ކުރުުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މާޒީވެ ދިޔަ ކަމެއް ކިތަންމެ ވަރަކަށް ބަދަލު ކުރަން އުޅުނަސް އެކަން ނުވާނެތީއެވެ. އެހެނަސް އަހަންނަށް މިހާރު ކަމެއް ދަސް ވެއްޖެއެވެ. އެންމެ ކައިރީގައި ގެންގުޅޭ މީހާ އަށް ވެސް މާ ބޮޑަށް އިތުބާރު ނުކުރުމަށެވެ.
ތިބާ ބަލަން ހުންނާށެވެ. ތިބާ އަހަރެން ވައްޓާލި މި އަނދަވަޅުން އަރާނަމެވެ. ކުރިއަށް ވުރެ ވަރުގަދަ ކަމާ އެކުގައެވެ. ކޮންމެ އަޑި ގަނޑަކަށް ފަހު އުސް ގަނޑެއް އަންނާނެ ކަމަށް އަހަރެން ޤަބޫލު ކުރަމެވެ. ތިބާ އަހަންނާމެދު ކިތަންމެ ނިކަމެތިކޮށް ކަންތައް ކުރިޔަސް އަހަރެންގެ ހިތް ތިބާ އަށް ހެވެވެ. އަދި އަހަންނަށް އެހީތެރިވެ ދިން މަދަަދުވެރިޔާ އަށް ވެސްމެއެވެ. އެހެނަސް،މިއަދުން ފެށިގެން ތިއީ އަހަރެން ދަންނަ ބައެއް ނޫނެވެ. އެކުގައި އުޅުނުހާ ދުވަސްތައް މާޒީވެ ގޮސްފިއެވެ. އަހަރެންގެ ދުޢާ އަކީ ތި ދެ މީހުންނަށް އުފާވެރި ޙަޔާތެއް މިންވަރު ކުރެއްވުމެވެ.
ވަރަށް ކަމުދޭ