ޒަމީރާއި ހަލީލު އަދި ނާޒިމަށް މަޖިލީހުން ރުހުންދީފި
ވަޒީރުންގެ މަޖިލިހަށް ސަރުކާރުން ގެނައި ބަދަލާ އެކު، އަލަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފާސްކޮށްފި އެވެ.
ސަރުކާރުން ގެނައި ބަދަލާއެކު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލު ފޮރިން މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުﷲ ނާޒިމް އިބްރާހިމް ހެލްތު މިނިސްޓަރަކަށް އައްޔަންކޮށްފައިވެ އެވެ.
އެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކޮށްފައިވެ އެވެ.
ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އެ ކޮމިޓީގެ މުގައްރިރު, ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދުގެ ޖަލްސާގައި ހުށަހަޅުއްވާފައިވެ އެވެ.
މެންބަރު ވިދާޅުވީ އެ ބޭފުޅުންގެ ޝަރުތު ހަމަވޭތޯއާއި އެ ބޭފުޅުން ކޮށްގެން ނުވާނެ ކަންކަން ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރޭތޯ ބެލުން ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ރައީސް އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަނާއި ކަރެކްޝަނަލް ސާވިސްއާއި އޭސީސީ އަދި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާ ގުޅުން ހުރި މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ކޮމިޓީއިން ކުރި ދިރާސާއިން ވަޒީރުން ކުރަން ނުވާނެ ފަދަ އެއްވެސް ކަމެއް ކުރަމުން ނުގެންދާ ކަމަށާއި އެ މަގާމަށް ޝަރުތު ހަމަވާކަން ފާހަގަވި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަކި ވަކި ވޯޓަށް އަހާފައިވާއިރު މިނިސްޓަރު ހަލީލާއި މިނިސްޓަރު ޒަމީރު އަދި މިނިސްޓަރު ނާޒިމަށް ރުހުންދޭން ފެންނަ ކަމަށް 86 މެންބަރުންގެ އިއްތިފާގު ފާސްކޮށްފައިވެ އެވެ.