ސިނގިރެޓް ވަގަށް އެތެރެކުރި މައްސަލައިގައި އިހުސާން ހާޒިރުކުރި ކޮމިޓީ ސިއްރު
ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ކަމާ ބެހޭ ފަރާތްތައް ހާޒިރުކުރި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސްއިން މިދިޔަ އާދިއްތަ ދުވަހު ބުނީ 1.69 މިލިއަން ރުފިޔާގެ ސިނގިރެޓް އަތުލައިގެންފައި ވަނީ ހޯކްސް ޕްރައިވެޑް ލިމިޓެޑްގެ އެޖެންޓުގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރެޓު އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ބޯޓުން ހޯކްސްގެ ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އެ ތަކެތި އަރުވައިގެން ކ. ތިލަފުއްޓަށް ގެންދިޔައިރު ތަކެތި އަތުލައިގެންފައި ވަނީ އެ ތަނުންނެވެ.
އިއްޔެ ބޭއްވި މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން ވަނީ މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާފަ އެވެ. މައްސަލައަކީ 241 ކޮމިޓީން ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކިގެން ބަލަން ޖެހޭ މައްސަލައެއްކަން ފާހަގަކޮށް، ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފަ އެވެ.
ކަމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ މައްސަލަ އާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ކަސްޓަމްސްގެ ވެރިންނާ ބައްދަލު ކުރުމެވެ.
ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މައްސަލައަކީ ހިނގަމުންދާ ވަރަށް ވަރުގަދަ ތަހުގީގެއް ކަމަށެވެ.
"ތަހުގީގުގައި ހޯމް މިނިސްޓަރު [އިހުސާން] ވެސް އަދި އަޅުގަނޑު ވެސް ހަގީގަތުގައި ބޭނުން ވަނީ ކޮމިޓީ ސިއްރުކޮށްގެން ގެންދަން،" ސަލީމް ވިދާޅުވި އެވެ.
މެމްބަރުންގެ ހިޔާލަށް ހުޅުވާލުމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވި އެވެ. އެ ހުށަހެޅުން ފާސްވުމާ އެކު ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.
ހޯކްސްއިން މައްސަލަ އާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި ރާއްޖެއަށް ސިނގިރެޓް އެތެރެކުރި މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފެތުރެމުންދާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނިން އިދާރީ ގޮތުން ތަހުގީގުތައް ކުރަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ކުންފުނީގެ މުވައްޒަފުންތަކެއް އެކަން ކޮށްފައި ވަނީ އަމިއްލަ މަންފާއެއް ނެގުމަށް ކަމަށެވެ.
އިތުރަށް ބުނެފައި ވަނީ އެ ކަމުގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް ފިޔަވަޅު އަޅައި ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.