Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން މުޅި މަޖިލީސް ކޮމިޓީއިން ފާސްކޮށްފި 

ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން މުޅި މަޖިލީސް ކޮމިޓީއިން ފާސްކޮށްފި 
ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން މުޅި މަޖިލީސް ކޮމިޓީއިން ފާސްކޮށްފި އެވެ. މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން އެ ތިން ބިލު ދިރާސާކުރުމަށްފަހު މުޅި މަޖިލިސް ކޮމިޓީއަށް ހުށަހެޅި އެވެ.

ޓީޖީއެސްޓީ ބިލު:

ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (މުސްތޮ) އެވެ. މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމާފައިވާއިރު, ކޮމިޓީ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި އެވެ. ކޮމިޓީއިން އެ ބިލު ފާސްކޮށްފައިވަނީ މަޖިލީހުން ހުށަހެޅި ގޮތަށް ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ. މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވަނީ ޓީޖީއެސްޓީއިން މިހާރު ނަގަމުން އަންނަ 16 އިންސައްތަ ނަގާނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމަށެވެ. އަދި އެއަށް ފަހު ޖުލައި 1 އިން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް ނަގަން ފަށާ ގޮތަށެވެ.

ގްރީން ޓެކްސް:

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ގްރީންޓެކްސް ބޮޑުކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކޮންގްރެސް މެންބަރު މުސްތަފާ ހުސައިން އެެވެ. ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރަން އިސްލާހުގައި ހުށަހަޅާފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 6 ޑޮލަރު ނަގާނެ އެވެ. އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 ގަ އެވެ. އެ ބިލު ދިރާސާ ކުރި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައިދެއްވީ ގާސިމެވެ. އެ ރިޕޯޓްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހުގައި ބުނެފައިވަނީ 25 ކޮޓަރި އަދި އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް 3 ޑޮލަރުގައި ބެހެއްޓުމަށެވެ. އެ އިސްލާހަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ. އެ އިސްލާހަށް 11 މެންބަރަކު ވޯޓު ދެއްވިއިރު އިސްލާހު ބޭރުކޮށްލާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ބޭރުކޮށްލުމަށްފަހު ސަބް ކޮމިޓީއިން ފާސްކުރިގޮތަށް މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

އެއާޕޯޓް ޓެކްސް:

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ކޮންގްރެސް މެންބަރު އަސަދުﷲ ޝިހާބެވެ. ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހެޅި އިސްލާހު ފާސްވުމުން އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާނީ 50 އެމެރިކާ ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާނީ 120 ޑޮލަރެވެ. ފަސްޓުކްލާސް ގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ނަގަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުުކުރާ އެންމެން އަތުން 480 ޑޮލަރު ނެގުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނެ ތާރީހެއް ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވަނީ 1 ޑިސެންބަރު 2024 އެވެ. އެ ބިލު ދިރާސާކުރި ސަބް ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވައިދެއްވީ ގާސިމެވެ. ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އިސްލާހެއް ހުށަހެޅުއްވި އެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ފުރާ ފައިސިންޖަރުންގެ އަތުން އެކަނި އެ ޓެކްސް ނަގަން ހުށަހެޅުއްވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ދެން ހުރި އިންޓަނޭޝަނަލް އެއާޕޯޓްތަކުން ލުއިތަކެއް ލިބުމަކީ އެތަންތަން އިތުރަށް ތަރައްގީވެގެން ދިއުމަށް ފުރުސަތަކަށްވާނެ ކަމަށް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ އަލަށް ތަރައްގީވަމުން އަންނަ ކުދި އެއާޕޯޓްތައް ބޭނުންކުރާ މިންވަރު ދަށަށް ގޮސް, އިތުރަށް ތަރައްގީވުމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. އަމީންގެ ހުށަހެޅުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ. އެ އިސްލާހު 67 މެންބަރުން ވޯޓުން ބަލައިނުގަތުމަށް ނިންމާފައިވާއިރު އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް