ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް 56.6 ބިލިއަނުގެ ބަޖެޓެއް ހުށަހަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

Ads by Sosun Fihaara

މަޖިލިހުގައި ހިނގަމުންދާ ޖަލްސާއަށް ފަރާތުން ބަޖެޓު ހުށަހަޅުއްވާފައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާ އެވެ.

މި ހަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަ އެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާއަށްވާއިރު، އެއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ އެވެ.

ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކުރެ އެވެ.

ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން އާމްދަނީ އިތުރުކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާ އާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރު މަތިކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީގެ ރޭޓުތައް ހިމެނެ އެވެ.

ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!