Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން ފާސްކޮށްފި

ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން ފާސްކޮށްފި
ޓޫރިޒަމް ދާއިރާއިން ނަގާ ތިން ޓެކްސްއެއް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ. އެ ތިން ބިލުވެސް ފާސްކޮށްފައިވަނީ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ސަބް ކޮމިޓީއިން ދިރާސާކުރުމަށްފަހު އެވެ.

ޓީޖީއެސްޓީ ބިލު:

ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (މުސްތޮ) އެވެ. ކޮމިޓީ މަރުހަލާ ނިމި އެ ބިލު ފާސްވެގެން ދިޔައިރު ޓީޖީއެސްޓީއިން މިހާރު ނަގަމުން އަންނަ 16 އިންސައްތަ ނަގާނީ 30 ޖޫން 2025 ގެ ނިޔަލަށެވެ. އެއަށް ފަހު ޖުލައި 1 އިން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް ނަގަން ފަށާނެ އެވެ. އެ ބިލު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 8 މެންބަރަކު ވޯޓު ދެއްވި އެވެ.

ގްރީން ޓެކްސް:

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ގްރީންޓެކްސް ބޮޑުކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެެވެ. ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރަން އިސްލާހުގައި ހުށަހަޅާފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 6 ޑޮލަރު ނަގާނެ އެވެ. އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 ގަ އެވެ. އެ ބިލު ފާސްކޮށްފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެެއްވި އެވެ.

އެއާޕޯޓް ޓެކްސް:

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބެވެ. ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހެޅި އިސްލާހު ފާސްވުމުން އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާނީ 50 އެމެރިކާ ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާނީ 120 ޑޮލަރެވެ. ފަސްޓުކްލާސް ގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ނަގަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުުކުރާ އެންމެން އަތުން 480 ޑޮލަރު ނެގުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނެ ތާރީހެއް ކަމަށް އިސްލާހުގައި ބަޔާން ކޮށްފައިވަނީ 1 ޑިސެންބަރު 2024 އެވެ. އެ ބިލަށް 71 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް 8 މެންބަރަކު ވޯޓު ދެއްވި އެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް