އޮޅުވާލައިގެން ގެއަކަށް ގެންގޮސް ބިދޭސީއަކު ފޭރުނު މީހަކު ހައްޔަރުކޮށްފި

އޮޅުވާލައިގެން ގެއަކަށް ގެންގޮސް ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ 10:08 ހާއިރު ބަންގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް، ވަޅިން ބިރުދައްކައި ފޭރިފައިވާ މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފޭރުމުގެ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޯޗިއުން، އުމުރުން 37 އަހަރުގެ ފާތިމަތު އަލީ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އޭނާގެ ހައްޔަރާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފާތިމަތާ އެކު މި އަމަލު ހިންގުމުގައި ބައިވެރިވެ، އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.