ޚަބަރު

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ ޕާޓީ އެއްލައްކައިން ޖޫރިމަނާކުރެވޭ ބިލު މުޅި މަޖިލީސް ކޮމިޓީއަށް 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މާލޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި ކެމްޕޭނު ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ދެން

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ އެ ޕާޓީއެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

Ads by MWSC

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދެވެ.

އެ ބިލު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 5 މެންބަރަކު ވޯޓު ދެއްވި އެވެ.

މިހާރުވެސް ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000ރ އާއި 10,000ރ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ 30,000ރ އާއި 75,000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް މިހާރުވެސް ގާނޫނުގައި ބުނެފައިވާއިރު އެ ޖޫރިމަނާގެ އިތުރުން އެއްލައްކައިން ޕާޓީ ޖޫރިމަނާކުރަން މި ބިލުގައި ހުށަހަޅާފައިވެ އެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށްވެސް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ. މިހާރު އެ ފައިސާ ދެމުން އައީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތަ އާ ދެމެދު އަދަދެކެވެ. އެހެންނަމަވެސް މި އިސްލާހުގައި ބުނެފައިވަނީ ދެން އެ ފައިސާ ދޭނީ ދައުލަތުގެ ބަޖެޓުގައި ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައާއި 0.2 އިންސައްތަ އިންނެވެ.

އޭގެ އިތުރުން އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބު ގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އުނިކުރުން ވެސް ބިލުގައި ހިމަނާފައިވެ އެވެ.

އެ ގާނޫނުގައި މިހާރުވެސް މިހެން ބުނެފައިވީ ނަމަވެސް ޕްރައިމަރީގައި ވާދަކޮށް އަމިއްލަ ގޮތުން ވާދަކޮށްފައި އެބަ ހުއްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!