ޓީޗަރަކަށް ވާން އެދޭ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި

އޭލެވެލްއަށް ކިޔަވަން ފެށި ކުދިންގެ ތެރެއިން ޓީޗަރަކަށް ވާން ޝައުގުހުރި 135 ދަރިވަރަކަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްފި އެވެ.
އެ ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ޓީޗަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރުމަށް އަމާޒުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެކެވެ.

ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސް އިފުތިތާހު ކޮށްދެއްވަނީ / ފޮޓޯ:ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ މި ޕްރޮގްރާމުގެ ދަށުން ޓީޗަރުން ތަމްރީނު ކުރުމުގެ ކޯހުގައި ދަރިވަރުން ބައިވެރިވާ 21 ސްކޫލަކާ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. ތަމްރީނު ޕްރޮގްރާމުގައި އެ ސްކޫލުތަކުން ޖުމްލަ 135 ދަރިވަރުން ބައިވެރިވެ އެވެ.
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި ސްކޫލުތައް:
- އިހަވަންދޫ ސްކޫލް
- ކުޅުދުއްފުށި، ޖަލާލުއްދީން ސްކޫލް
- މިލަންދޫ ސްކޫލް
- ފޯކައިދޫ ސްކޫލް
- ފުނަދޫ ސްކޫލް
- މޭނާ ސްކޫލް
- ކެނދިކުޅުދޫ ސްކޫލް
- ރ. އަތޮޅު ތައުލީމީ މަރުކަޒު
- ތުޅާދޫ ސްކޫލް
- ޅ. އަތޮޅު ތައުލީމީ މަރުކަޒު
- ތޮއްޑޫ ސްކޫލް
- އުކުޅަހު ސްކޫލް
- ކެޔޮދޫ ސްކޫލް
- ފ. އަތޮޅު ތައުލީމީ މަރުކަޒު
- ދ. އަތޮޅު ތައުލީމީ މަރުކަޒު
- ގއ. އަތޮޅު ތައުލީމީ މަރުކަޒު
- އައްޑޫ ހައި ސްކޫލް
- މާލެ ސީއެޗްއެސްސީ
- ހުޅުމާލެ ސީއެޗްއެސްސީ
- ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް މަހަކު 1،500 ރުފިޔާ ދިނުމަށް ނިންމާފަ އެވެ.
ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.