މަދަނީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި

މަދަނީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނީ 2021 ވަނަ އަހަރު މަދަނީ އިޖުރާތުގެ ގާނޫނު ފާސްކޮށް އަމަލުކުރަން ފެށުމާ އެކު މަދަނީ މައްސަލަތައް ތޮއްޖެހިފައިވާ ކަމަށެވެ.
އެ އާއެކު މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ހުކުމްތައް ތަންފީޒުނުވެ، މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ކުރިމަތިވެފައިވާ ކަަމަށެވެ. އަދި ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި އާންމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށެވެ.
އެހެންވެ މަދަނީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ގާނޫނަށް އިސްލާހުތަކެއް ގެނެވިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ.
ވުމާ އެކު ޖޭއެސްސީގެ އިސްނެގުމުގެ މަތިން ގާނޫނު އަސާސީ އާއި އިންޓަނޭޝަނަލަށް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް، މަދަނީ އިޖުރާތުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"ބަންޑާރަނައިބު މެދުވެރިކޮށް މި ގާނޫނު އިސްލާހު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިން ނިންމަވާފައިވާތީ، މިއަދު މި އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ހުށަހަޅާފަ އެވެ،" ޖޭއެސްސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.