އަންނަ ހަފުތާގައި ލިސްޓު އާންމުކޮށް، އަހަރު ނިމުމުގެ ކުރިން ފްލެޓު ހަވާލުކުރާނަން: ހައިދަރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށްފަހު އެކުލަވާލާ ވަގުތީ ލިސްޓު އަންނަ ހަފުތާގައި އިއުލާނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުމަށް ހައުސިން މިނިސްޓްރީން މީގެކުރިން ނިންމީ މިދިޔަ މަސް ނިމުމުގެ ކުރިންނެވެ. އެހެންނަމަވެސް ފޯމުތައް ރީ-އިވެއުލޭޓް ކުރުމުގެ މަސައްކަތަށް އިތުރަށް ވަގުތު ބޭނުންވާ ކަމަށް ބުނެ ލިސްޓު އާންމުކުރުން މި މަހަށް ފަސްކުރި އެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ފްލެޓުތަކުގެ މައްސަލައިގައި ހުށަހެޅި ޝަކުވާތައް ތަހުގީގު ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ދިޔުމާ އެކު މައްސަލައިގައި ގޮތެއް ނިންމަންދެން ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުކުރަން ޖެހުނު ކަމަށެވެ.
މަސައްކަތް ނިންމުމަށް ފަހު މިނިސްޓްރީއަށް ރިޕޯޓު ފޮނުވިއިރު އޮތީ ލިސްޓުގައި އޮތް ގޮތަށް ފްލެޓު ދޫނުކުރެވޭ ގޮތަށް ކަމަށެވެ. ތަހުގީގާ ގުޅިގެން ފްލެޓު ދޫކުރުމުގައި ހުރި މައްސަލަތައް ފާހަގަކުރެވުމުން ވަކި ކަންތައްތަކެއް ރަނގަޅު ކުުރުމަށް އޭސީސީން އެންގި ކަމަށެވެ. އެ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ މަސައްކަތުގައި ކުރިއަށް ނުދިޔުމަށް އިރުޝާދު ދީފައިވާ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގެދޮރުވެރިންގެ ކޮމިޓީ އާއި ސިޓީ ކައުންސިލުގެ ކޮމިޓީން ގުޅިގެން ކުރި މަސައްކަތަށް ފަހު ނިންމީ 20،697 ފޯމު އެއްކޮށް ރީ-އިވެލުއޭޓް ކުރުމަށް ކަމުގަ އެވެ.
"ހުރިހާ ފޯމުތަކެއް ރީ-އިވެއުލޭޓް ކޮށްފައި އަޅުގަނޑުމެން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވަގުތީ ލިސްޓެއް އިއުލާނު ކުރާނަން. ދެން ޝަކުވާގެ ފުރުސަތު ވެސް އަޅުގަނޑުމެން ހުޅުވާލާނަން،" ހައިދަރު ވިދާޅުވި އެވެ.
އެ މަސައްކަތް ނިމުމާ އެކު ހިނގަމުން މިދާ އަހަރު ނިމުމުގެ ކުރިން ފްލެޓުތަކުގެ ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލު ކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅާފަ އެވެ.
އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓު ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 އިންސައްތަ ކަމަށާ އަދި ޝަރުތު ފުރިހަމަ ވިނަމަވެސް 19.7 އިންސައްތަ ފޯމުގައި މައްސަލަ ހުރި ކަމަށެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓު ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަން ޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް 'ގެދޮރުވެރިންގެ ކޮމިޓީ' ގެ ނަމުގައި ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.
އެ ކޮމިޓީގެ އިތުރުން މަސައްކަތުގައި ބައިވެރިވުމަށް ކައުންސިލަރުން ހިމެނޭހެން ފަސް މެމްބަރުންގެ ކޮމިޓީއެެއް މާލެ ސިޓީ ކައުންސިލުން ވެސް އެކުލަވާލި އެވެ.