މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް، އިގުތިސޯދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއަތެއްގެ ގޮތުގައި އެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުން ދަތުރުކުރަމުންދާ، ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސާވިސަސް" ގެ ނަމުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައި ފެސިލިޓީއެއް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދާ އެ ފެސިލިޓީން މިވަގުތު ޖުމްލަ 14 ހިދުމަތެއް އަންނަނީ ދެމުންނެވެ.
"ހަފުތާ 52" ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަން ނުގެއްލޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް، ގައުމުގައި އާ ސިނާއަތްތައް ގާއިމުކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮންނަ ތިން އަހަރަށް ފިސްކަލް ސްޓްރެޓެޖީ މެދު ރާސްތާގައި އަބަދުވެސް ހަދަމުންދާއިރު، އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި އެ ރިޕޯޓު ގެޒެޓުކޮށްފައި ނުވާ ކަމަށެވެ. އެކަން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަން ސައީދު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގެ ތާރީހުގައި މި އަހަރު ރައީސް ހެއްދެވި ބަޖެޓުގައި ނޫނީ މެދު ރާސްތާގެ އިސްތިރާޖީ ތިން އަހަރު ދުވަހުގެ ޕްލޭން ފިޔަވައި އެއްވެސް ރިޕޯޓެއްގައި ފަތުރުވެރިކަމުގެ ސިނާއަތުން ފިޔަވައި އާމްދަނީ ލިބޭނެ ކަމަށް ނޯންނާނެ ކަމުގަ އެވެ.
"ސެޕްޓެމްބަރު 18 ނުވަތަ 19 ގައި އިންޓަނޭޝަނަލް ބަންކަރިން ފެށުނީ. މިހާ ހިސާބަށް އައިއިރު، މިއޮތް ދަތީގައި އޮފްޝޯ ފެސިލިޓީއެއްގެ ގޮތުގައި ފަށައިގެން ވެސް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރު ވެސް އެސްޓީއޯއަށް ހޯއްދަވައިފި،" ސައީދު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ދެމުން އަންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ހިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓެއް ރާއްޖެއަަށް ވަނީ ގެނެސްފަ އެވެ. އެއީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ދެ ބޯޓެވެ.