ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަބްދުއްރަހީމްގެ ތައުރީފު
ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތައުރީފު ކުރައްވައިފި އެވެ.
މިއަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުނު ދުވަހެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިހާލަތުން އަރައިގަތުމަށް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ ނިންމުންތަކެއް ނިންމާފަ އެވެ.
އެގޮތުން ފާހަގަކުރެވޭ ނިންމުންތަކުގެ ތެރޭގައި ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި އާސަންދަ އާއި ސަބްސިޑީގެ ނިޒާމަށް ބަދަލު ގެންނަން ނިންމުމާ އަދި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް ގެނައި ބަދަލު ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރުމާއި ސިނގިރެޓުގެ އަގަށް ގެނައި ބަދަލާ އެކު ބޭހުގެ މާފިއާގެ ކޮންޓްރޯލް ނައްތާލުމާއި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެވެ އެވެ.
މިއަދު ހެނދުނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ މިއީ ދިވެހީންގެ ރާއްޖޭގެ ވެރިކަމަށް، ކޮންގްރެސް ޕާޓީގެ ސަރުކާރަށް ރައީސްގެ ޒައާމަތަށް 1 އަހަރުފުރޭ އުފާވެރި މުނާސަބަތު ކަމަށެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ދިވެހި ރައްޔިތުންނަށާއި ރައީސްއަށް ތަހުނިޔާ ދަންނަވާފަ އެވެ.
"ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މިފަހުން ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ. ރައްޔިތުންނަށް ފައިދާވާން ނޭދޭ ސިޔާސީވެރިން ފެންނަ އަދަދު އިތުރުވި ނަމަވެސް ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.