ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ދަނީ ބަދަލުވަމުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ހާއްސަ ލައިވް ކަވަރޭޖް "52 ހަފުތާ - ސަރުކާރާއެކު ކުރިޔަށް" ގައި ބައިވެރިވެވަޑައިގެން ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. ކަންކަމާ ކުރިމަތިލައި ހިތްވަރާ އެކު ނިކުމެ، އެކަމެއް ކޮށްފި ނަމަ ކޮންމެ ކަމަކުން ވެސް ކާމިޔާބީ އާ ހަމައަށް ދެވޭނެ ކަމަށެވެ.
"މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މައިދާން ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި ދިވެހިރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން،" ފައިސަލް ވިދާޅުވި އެވެ.
މީގެކުރިން ކަންކަން ހިނގަމުން އައީ ވަކި ބަޔަކަށް ނޫނީ ސިޔާސީ ގޮތުން ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ. ސަރުކާރުތަކުން ފެނުނީ ވަކި މިނިސްޓަރަކީ ވަރަށް ބާރުގަދަ މީހެއްގެ ގޮތުގައި ކަމަށާ ނަމަވެސް މިއަދު ފެންނަނީ ހުރިހާ މިނިސްޓަރުން އެކުގައި މަސައްކަތް ކުރާތަން ކަަމަށާއި އެންމެން ގޮވައިގެން ރައީސް ލީޑްކުރައްވާތަން ކަމަށެވެ. އަދި ކެބިނެޓުންނާއި ސަރުކާރުގެ އިސްސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދީފައިވާކަން ކަމަށެވެ.
ރައީސްގެ ފަރާތްޕުޅުން ފެންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތަން ކަމުގައި ފާހަގަކުރައްވާ ފައިސަލް ވިދާޅުވި ގޮތުގައި މީގެކުރިން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ފަސް އަހަރު ދުވަހުގެ ޕްލޭނަކަށް ބައްލަވައިގެން ކަމުގަ އެވެ. އެ ބޭފުޅުންނާ ހިލާފަށް ރައީސް ގެންދަވަނީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ކަމުގަ އެވެ.
އިތުރަށް ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސްޓިއަރިން ކޮމިޓީގެ އިންތިހާބުގައި ވާދަކޮށް، މަގާމުތަކަށް އިންތިހާބުވެ، ހަރުފަތްތައް ގިރާކޮށް އެންމެ މަތީ މަގާމާ ހަމައަށް އާދެެވޭނެ ގޮތަށް ރައީސް ގެންދަވަނީ ޕާޓީގެ ކަންކަން ބައްޓަން ކުރައްވަމުން ކަމަށެވެ.