ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ދުވަހެއް ވަރަށް އަވަހަށް ހާމަކުރާނަން: ހީނާ
ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އާސަންދައިން ދޭ ހިދުމަތްތަކުގެ އަގުތަކާއި އާސަންދައިގެ ދަށުން ދޫކުރެވޭ ބޭސްތަކުގެ އަގުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިއަދު ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އާސަންދަ އާއި އެންސްޕާ ވަނީ ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅު ފުއްދަވާނެ ކަމުގެ ޔަގީންކަން ހީނާ ދެއްވި އެވެ.
އިތުރަށް ހީނާ ވިދާޅުވީ އެ ދެ ގައުމާއެކު ކުރެވުނު މަޝްވަރާ ބައްދަލުވުންތަކަށް ކުރިއެރުމެއް ލިބި، އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދެވޭނެ ހިސާބަށް ވާސިލުވެފައިވާ ކަމަށެވެ.
"އާސަންދައިން މިހާރު ޔޫއޭއީ އަދި ތައިލެންޑްގެ ހޮސްޕިޓަލްތަކާ އެކީގައި މަސައްކަތްތަކެއް ކުރެވި އަޅުގަނޑުމެންނަށް ބަޔަކާ އެކީގައި ކުރިއަށްދެވޭނެ ހިސާބަށް ވާސިލުވެފައި އެބަވޭ. އެހެންވީމާ އެ ހިދުމަތް ދެވޭނެ ދުވަހަކާ އެކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަކުރަމުންދާނަން،" ހީނާ ވިދާޅުވި އެވެ.
މިދިޔަ މާޗް މަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ އާސަންދައަކީ ވަކި ގައުމެއްގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި އިންޑިއާ އާއި ސްރީލަންކާއިން ލިބޭ ހިދުމަތަށްވުރެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގައުމުތަކުން އާސަންދައިގެ ދަށުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.