ނާޒިމް ހުށަހެޅުއްވީ އިޒްރޭލު ވެރިންގެ ޕާސްޕޯޓް އެކަނި މަނާކުރަން
އިޒުރޭލު ޕާސްޕޯޓް އޮންނަ އެންމެން ރާއްޖެ އެތެރެވުން މަނާކުރުމުގެ ބަދަލުގައި ފަަލަސްތީނާ ދެކޮޅަށް ޖަރީމާ ހިންގާ އެ ގައުމުގެ އިސްވެރިންގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.
ނާޒިމް އެގޮތަށް ހުށަހެޅުއްވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ އެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމާއިރު އެ ގައުމުގެ ޕާސްޕޯޓް އޮންނަނީ ހަމައެކަނި އިޒްރޭލުގައި ދިރިއުޅޭ މީހުންގެ އަތުގައި ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން އުޅޭ ކަމަށެވެ. ބައެއް ގައުމުތަކުގެ ނަންތައްވެސް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން އެމެރިކާ ބައްރުގެ ގައުމުތަކާއި މެދުއިރުމަތީގައި އޮންނަ އުރުދުންގެ އިތުރުން ފަލަސްތީނުގެ ނަން ނާޒިމް ފާހަގަކުރެއްވި އެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހު އިޒުރޭލުގެ ގިނަ އަދަދެއްގެ ބަޔަކު އާޖެންޓީނާއަށް ބަދަލުވި އެވެ. އާޖެންޓީނާއަށް ބަދަލުވި މީހުންވެސް އެ ގައުމުގެ ރަށްވެހިކަން ހޯދުމުގެ ބަދަލުގައި ބޭނުންކުރަމުންދަނީ އިޒުރޭލުގެ ޕާސްޕޯޓްކަން ނާޒިމް ފާހަގަކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ ވިސާއާ ނުލާ އެމެރިކާ ފަދަ ގައުމުތަކަށް އިޒްރޭލު ޕާސްޕޯޓުގައި އެތެރެވެވޭތީ އެވެ. އިޒްރޭލުގެ ގިނަ މީހުންނަކީ "ޑުއެލް ސިޓިޒަންޝިޕް" އޮންނަ މީހުންނެވެ.
ނާޒިމް ކޮމިޓީއަށް ހުށަހެޅުއްވީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވީ މީހުންގެ ތަފާސް ހިސާބުތައް އިމިގްރޭޝަނުން ހޯދުމަށެވެ. އަދި އެ މީހުން ރާއްޖެ އަންނަ ސަބަބުވެސް ހޯދަން ނާޒިމް ހުށަހެޅުއްވި އެވެ.
އެއީ ވިޔަފާރި ބޭނުމަށްތޯ ނޫނީ ފަތުރުވެރިންގެ ގޮތުގައިތޯ ވަކިން އެނގޭނެހެން މައުލޫމާތު ހޯދުމަށެވެ.
"އަޅުގަނޑުމެންނަށް ބުރައެއް ނުވެވޭ ބްލޭންކެޓް ބޭންއެއް އިޒުރޭލުގެ ޕާސްޕޯޓަކަށް ވީތީ އިމްޕޯސް ކުރާކަށެއް, ސަބަބަކީ އިޒުރޭލުގެ ޕާސްޕޯޓް އޮންނަ އަރަބިންވެސް މުސްލިމުންވެސް އުޅޭތީ"
އދ އިން މީގެ ކުރިން ކޮށްފައިވާ މަޝްވަރާތަކަށް އިޝާރާތްކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި މަނާކުރަނީ އިޒްރޭލުގެ އަސައްކަރިއްޔާގައި އުޅޭ މީހުންގެ ޕާސްޕޯޓު ކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް އަރައިގަންނަ އިޒްރޭލު މީހުން އެތެރެވުންވެސް މަނާކުރާ ކަމަށެވެ.
"އެއީ ވެސް ކުރެވިދާނެ ކަމެއް. އިޒުރޭލުގެ ޕާސްޕޯޓް ހޯލްޑަރުންގެ ތެރޭގައި ހިމެނޭ އިޒުރޭލުގެ ސަރުކާރަށް ނިސްބަތްވާ, އިޒުރޭލު މިލިޓަރީއަށް ނިސްބަތްވާ ނޫނީ މިލިޓަރީ އެސްޓާބްލިޝްމެންޓަށް ނިސްބަތްވާ މީހުންގެ ޕާސްޕޯޓް ވާހަކައަކީ އެތެރެނުވެވޭ ގޮތް ހެދުންވެސް"
މައުލޫމާތު ހޯދަން ޖެހޭ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ހޯދަން ނާޒިމް ހުށަހެޅުއްވި އެވެ. އަދި އެ ޖަވާބުތަކަށް އަންނަ ޑިސެމްބަރު 2 ހިސާބަށް މުއްދަތު ދިނުމަށް ހުށަހެޅުއްވި އެވެ. ނާޒިމް ވިދާޅުވި ގޮތުގައި އިޒްރޭލު ޕާސްޕޯޓް މަނާކުރުމާއި މެދު ސަރުކާރުގެ އިދާރާތަކުންވެސް ދެކޭގޮތް ހޯދަން ޖެހެ އެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޝަރީފް ތާއީދުކުރެއްވި އެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކޮށް ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވި ގޮތުގައި އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވަނީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބް ރައީސް ނާޒިމްގެ ވާހަކައަށް ތާއިދު ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން އިގްތިސޯދީ ގޮތުން ރާއްޖެއަށް ލިބޭ ގެއްލުންތައް ދެނެ ގަންނަން ޖެހޭ ކަމަށެވެ. އެހެންވެ ނާޒިމް ހުށަހެޅުއްވީ އިގްތިސޯދީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލު ކޮމިޓީން ހޯދުމަށެވެ.
އިޒްރޭލަކީ ގިނަ އަދަދެއްގެ މުސްލިމުންވެސް އުޅޭ ގައުމެއްކަން ފާހަގަކުރައްވާ އެމްއެންޕީގެ ލީޑަރު ނާޒިމް ވިދާޅުވީ އަދި ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އެެހެން ނަމަވެސް ފަލަސްތީނާ ދެކޮޅަށް ޖަރީމާ ހިންގާ އިޒްރޭލު މީހުން ދެނެގަނެ އެ ފަރާތްތައް ރާއްޖެ އެތެރެނުވެވޭނެ ގޮތް ހެދުމަށް ނާޒިމްވެސް ތާއިދުކުރެއްވި އެވެ. ވިދާޅުވީ އެފަދަ މީހުންނަށް ވިސާ ދޫކުރާނެ އުސޫލެއް ކަނޑައެޅިދާނެ ކަމަށެވެ.
އެ ބިލަށް ސިޔާސީ ޕާޓީތަކުގެ އިތުރު އެޓާނީ ޖެނެރަލް (އޭޖ)، އިކޮނޮމިކް މިނިސްޓްރީ, ޓޫރިޒަމް މިނިސްޓްރީ, ފޮރިން މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފަދަ ތަންތަނުގެ ބަހެއް ހޯދުމަށް ނިންމާއި ސިޓީ ފޮނުވަން ކޮމިޓީއަށް ހުށަހެޅި އެވެ.
އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އަގުލަބިއްޔަތުންނެވެ.