މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އެ މިނިސްޓްރީ ޖޫރިމަނާކުރީ މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާ ދޭތެރޭގައި މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
އައިކޮމްއިން އިއްޔެ ބުނެފައި ވަނީ އެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ތާވަލުކުރި ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ ހައުސިން މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ހޯދުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ބުނެ އައިކޮމްއަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށް އެ މިނިސްޓްރީ އާއެކު މި މަހުގެ 7 ވަނަ ދުވަހު ބައްދަލުވުމެއް ތާވަލު ކުރެވުނު ކަަމަށް އެ އޮފީހުން ބުނެ އެވެ.
މަހޯލި ގަވާއިދުގައިވާ ގޮތުން ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން 1 ގަޑިއިރު ކުރިން އެކަން އަންގަންވާނެ ކަަމަށެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާކަން އައިކޮމްއިން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ އެންމެހާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓްރީގައިވާ މައުލޫމާތުތައް، ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޯރުކޮށްދިނުމަކީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.
"7 ނޮވެންބަރު 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މިނިސްޓްރީ ޖޫރިމަނާ ކުރިކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމާއި، އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަމެވެ،"
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮޮށްފައިވެ އެވެ.