ރާއްޖޭގައި ސައިބާ ކްރައިމް އާއި ފޮރެންސިކް ދާއިރާތަކުން ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށަނީ
ރާއްޖޭގައި ސައިބާ ކްރައިމް އާއި ފޮރެންސިކް ދާއިރާތަކުން ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މާރިޔާ އެހެން ވިދާޅުވީ ރޭ ބޭއްވި ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މާރިޔާ ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމަށް ތިބި ބައެއް ނޫން ކަމަށާއި، ގާނޫނަށް ތަބާވާ އަހުލާގު ރަނގަޅު ގާބިލު އަދި ނަމޫނާ ބަޔަކަށް ފުލުހުން ވާން ޖެހޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް މަތީ ތައުލީމާއި ތަމްރީނު މުހިންމު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ތަންފީޒުކުރަމުންދާ މަތީ ތައުލީމުގެ މަންހަޖުގެ ތެރެއަށް، ސައިބާ ކުށްތަކާއި ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ ފަދަ ދާއިރާތައް ހިމެނުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަަމަށް މާރިޔާ ވިދާޅުވި އެވެ.
"މި ތަމްރީނުތަކަކީ ޒަމާނީ ކުށްތަކާއި، ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު އޮފިސަރުންނަށް ލިބޭނެ ތަމްރީނުތަކެއް. އަދި މި ތަމްރީނުތައް ވެގެންދާނީ، މަތީ ތައުލީމުގެ ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަސީލަތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ހުރިހާ ފުލުހުންނަށް ވެސް ހަމަހަމަކަމާ އެކު މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅުތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.