ޚަބަރު

ކުންފުންޏެއްގެ ހިއްސާ އޮތް މީހަކު އިންކަމް ސަޕޯޓް އެލަވަންސް ނަގާފައި އޮތުމުން އަނބުރާ ދައްކަން ހުކުމްކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ސިވިލް ކޯޓުގެ އިމާރާތް

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ޝަރުތު ހަމަނުވާ އަމިއްލަ ކުންފުންޏެއްގެ ހިއްސާދާރަކު ނަގާފައިވާތީ އެ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

Ads by Hajj Corporation

އެ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ ދަފްތަރު, ނަންބަރު ރސ 9801, އަހުމަދު ސިމްހާނުގެ މައްޗަށެވެ.

ހުކުމުގައި ބުނެފައިވަނީ އެލަވެންސްގެ ގޮތުގައި 10,000ރ ސިމްހާނުއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

ހުކުމުގައި ބުނީ އެ އެލަވެންސްއަށް އެދި ސިމްހާނު ފޯމު ހުށަހެޅިއިރު އޭނާއަކީ ގެޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްކަން އިކޮނޮމިކް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގެން ހުރި ކަމަށެވެ. އަދި އެ އެލެވެންސަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިން އެލެވެންސެއް ކަމަށްވާއިރު ސިމްހާނު އެ އެލެވެންސަށް އޭނާ ޝަރުތު ހަމަނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތުގައި ދައުވާގެ ދިފާއު ހުށަހަޅާފައި ނުވާތީ ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ދައުލަތުން ހުށަހަޅި އެވެ.

އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެ ފައިސާ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ޣައިރު ހާޒިރުގައި ގާޒީ ފައްޔާޒު ޝާތިރު ހުކުމްކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!