ރާއްޖެއިން ކިޔެވުމުން ފަތުވާދެވޭގޮތަށް ދަރަޖަ ކުރަނީ
ރާއްޖޭގެ ޖާމިޔާތަކާއި ޔުނިވާސިޓީތަކުން ކިޔެވުމުން ވެސް ފަތުވާ ދެވޭގޮތަށާއި، ދީނީ ނަސޭހަތް ދިނުމުގައި ދަރަޖަތަކެއް ކަނޑައެޅުމުގެ ވިސްނުން ހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެހެން ވިދާޅުވީ، ރާއްޖޭގައި ބަައްވާ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވަހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ، މިހާރު އުސޫލުތައް ހެދިފައިވާ ގޮތުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހަމައެކަނި އޮންނަނީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ޖާމިޔާތަކުންނާއި، ޔުނިވާސިޓީތަކުން ކިޔަވާފައިތިބޭ މީހުންނަކީ އިސްލާމީ ކުއްލިއްޔާތަކުން ކިޔަވާފައިތިބޭ ދަރިވަރުންނަށް ވިޔަސް ފަތުވާއާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އެ ދަރިވަރުންނަށް ނުދެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރާއްޖެއިން ކިޔަވާފައިތިބި މީހުންގެ ތެރޭގައި ވެސް އިނގިރޭސި އާއި އަރަބި ބަސް ދަންނަ، މައުލޫމާތު ހޯދުމުގެ ގާބިލުކަން ޝަހުސިއްޔަތުގައި ތިބި ފަރާތްތައް އެބަތިބިކަން މިނިސްޓަރު ފާހަގަކުރެއްްވި އެވެ. ޝަހީމް ވިދާޅުވީ، "އެކަމަކު އެ މީހުންނަކަށް ނެތް ހުއްދައެއް. ހަމައެކަނި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި އޮންނަނީ ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ބޭފުޅުންނަށް އެކަނި،" ކަމަށެވެ.
ރާއްޖޭގައި އުސޫލު އޮތްގޮތުން ދީނީ ނަސޭހަތް ދިނުމަށް ގެންނަން ޖެހެނީ ވަކި ބައެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި މީހުން އިސްލާމް ދީނާއި ދުރުވެގެންދަނީ ވެސް ހިތްވަރު ދޭނެ ބަޔަކު އެމީހުންގެ ތެރޭގައި ނެތުމުން ކަމަށެވެ.
ކޮންމެ ރަށެއްގައި އިސްލާމް ޓީޗަރެއް ހުރި ނަމަވެސް، އެ ޓީޗަރަށް ސްކޫލު އެސެމްބްލީގައި ވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދައެއް ނޯވެއެވެ. ދީނީ ނަސޭހަތް ދޭން ބޭނުންވާނަމަ، އެކަން ކުރަން ޖެހެނީ ޝެއިހްއެއް ނުވަތަ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ފަރާތެއް އެރަށަކަށް ގެންގޮސްގެނެވެ.
"އެހެންވީމަ މިކަންކަން ދަރަޖަ ކުރުމާމެދު ވިސްނަން މި ޖެހެނީ. މުޖުތަމައުތައް ސަލާމަތް ކުރުމަށް. ސްކޫލްތަކުގެ މާހައުލު އިސްލާމް ދީނާ ގާތް ކުރުމަށް،" ޝަހީމް ވިދާޅުވި އެވެ.
ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ނަސޭހަތް ނުދެވެނީ އެކަމުގެ ހުއްދަ ނެތުމުން ނަމަވެސް، މަތީ ގްރޭޑުތަކުގެ އިސްލާމް ޓީޗަރުންނަށް އެސެމްބްލީގައި ދީނީ ނަސޭހަތް ދެވޭ ވަރުގެ އިލްމީ ގާބީލްކަން ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ވައުޒު ބުނުމާއި އިރުޝާދު ދިނުމާއި ފަތުވާ ދިނުމަކީ މާތް ކަމެއް ކަމަށާއި، އެކަންކަމުގައި ދަރަޖަތައް ކަނޑައެޅުމަށް މިއަދުގެ މަހާސިންތާގައި އިލްމުވެރިން ވިސްނާވަޑައިގެން ލަފާ ދެއްވުމަށް ޝަހީމް އެެދިވަޑައިގަތެވެ.