މީހުން ލައިފްސްޓައިލް

ދިގު 21 އަހަރު ޔާސިރު އުދުހެމުން ދާ ދަތުރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ފަހުގެ އަހަރުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލްކޮށްގެން ނިކުންނަ ދަރިވަރުންގެ ތެރޭގައި، އޭވިއޭޝަން ދާއިރާއިން މަތީ ތައުލީމާއި ތަމްރީނު ހާސިލްކުރަން ބޭނުންވާ ކުދިން ގިނަ ވެއްޖެ އެވެ. ހާއްސަކޮށް ޕައިލެޓަކަށް ވާން ބޭނުންވާ ކުދިންގެ އަދަދު މިފަހުން އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެވުނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި މި ދާއިރާއިން ސްކޮލަޝިޕް ދިން ދަރިވަރުންގެ އަދަދު އުފުލުމުންނެވެ.

Ads by STELCO

މިހަފްތާގެ ހަރުފަތް ޕްރޮގުރާމުގައި މި ގެނަސްދެނީ މިފަދަ ކުދިންނަށް ވަރަށް ޝައުގުވެރިވާނެފަދަ ފަރާތެއްގެ ބަސްތީގަތުމެވެ. މިއީ 21 އަހަރަށްވުރެއް ގިނަ ދުވަހު އޭވިއޭޝަން ދާއިރާއަށް ހިދުމަތް ކޮށްދެއްވަމުން އައިސްފައިވާ ކުޅަދާނަ ޕައިލެޓު އަހުމަދު ޔާސިރުގެ ވާހަކަ އެވެ.

އަހުމަދު ޔާސިރު ދެން އޮންލައިންގެ ހަރުފަތް ޕްރޮގުރާމުގައި ވާހަކަ ދައްކަވަނީ

ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަން ޔާސިރުގެ ފުރަތަމަ އުފެދިގެން އައީ މައިކްރޮސޮފްޓް ފްލައިޓް ސިމިއުލޭޓާ ކިޔާ ޑިޖިޓަލް ގޭމެއް ކުޅުމުގެ ތެރެއިންނެވެ. ރައްޓެއްސެއްގެ އަތުން އެ ގޭމު ހޯދައިގެން އެ ކުޅުމުގެ ތެރެއިން ޕައިލެޓަކަށް ވާން ހިތަށް އެރި އެވެ.

“އެންމެ ފުރަތަމަ ދުވަހު އޮނެސްޓްލީ ވަރަށް ބިރުގަތް. އެއީ ޓްރެއިނިންގެ އެންމެ ފުރަތަމަ ދުވަހު ބޯޓަށް އެރިއިރު.”

ތަމްރީނު ހާސިލްކުރަން ޔާސިރު ފުރަތަމަ ދިޔައީ ސްރީލަންކާ އަށެވެ. އެންމެ ފުރަތަމަ ފްލައިޓުގައި އިންސްޓްރަކްޓަރު ބޯޓު ދުއްވަމުން ދިޔައިރު ޔާސިރު އިންނެވީ ފުރަތަމަ ތަޖުރިބާއަށް ޕައިލެޓާއި ޖެހިގެންނެވެ. ބިރުގެންފައި އިންނެވި ނަމަވެސް ބޯޓު އުދުއްސާލައިގެން ވަކި ހިސާބަކަށް ދިޔައިރު ވަރަށް ހިތްހަމަޖެހިއްޖެ އެވެ. ގޭމުގައި ދުއްވަމުން އައި ބޯޓު މުޅިން އަލަށް ތަޖުރިބާކޮށްލަން ލިބުން ވެގެން ދިޔައީ ޕައިލެޓަކަށް ވުމުގެ ހުވަފެނުގައި ކުލަޖައްސަން ޔާސިރު އެންމެ ބޭނުންވެލެއްވި ވަގުތަށެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެން ޕައިލެޓަކަށް ވުމުގެ އަޒުމު އާކުރައްވައި ތަމްރީނާއިގެން ޔާސިރު ކުރިއަށް ދިޔަ އެވެ.

ސްރީލަންކާގެ ސްކައިކެބްސް ސްކޫލުގައި ޓްރެއިނިންގް ހާސިލްކުރައްވަމުން ދަނިކޮށް ގާތްގަނޑަކަށް 9 މަސްދުވަސް ފަހުން އެ ސްކޫލު ބަންދުކުރަން އެތަނުގެ ވެރިން ނިންމި އެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުކޮޅެވެ. އެހާހިސާބުން ޔާސިރު ރާއްޖެ އައެވެ. ދެން އަނެއްކާވެސް ޖެހިގެން އައި އަހަރު ތަމްރީނުގެ ބާކީބައި ފުރިހަމަ ކުރައްވަން ދިޔައީ އެމެރިކާ އަށެވެ. އެއަހަރުގެ ފެބުރުއަރީގައި އެމެރިކާގައި ފެށި ތަމްރީނުތައް މުޅިން ނިންމައި އަނބުރާ ރާއްޖެ އައީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ.

“އެ އައިގޮތަށް ފުރަތަމަ ވަނީ މޯލްޑިވިއަން އެއާ ޓެކްސީ އަށް. އޭރު ތަންކޮޅެއް އުނދަގޫ ވަޒީފާ ހޯދަން. މޯލްޑިވިއަން އެއާ ޓެކްސީގަ އުޅުނީ އަޅުގަނޑާ އަދި އެހެން ދިވެހި ޕައިލެޓަކާ. ދެމީހުން އުޅުނީ ޑޮކުގަ”

އެޒަމާނުގައި ރާއްޖޭގައި މާގިނަ ވަޒީފާތަކެއް އޭވިއޭޝަން ދާއިރާއަކުން ނޯވެ އެވެ. އަހަރެއްހާ ދުވަސް ފަހުން ދެން ޔާސިރު ބަދަލުވީ ޓީއެމްއޭ އަށެވެ. ޓީއެމްއޭގައި ބޯޓު އުދުއްސަން ފެއްޓެވީ 2003 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. 

އަހުމަދު ޔާސިރު ދެން އޮންލައިންގެ ހަރުފަތް ޕްރޮގުރާމުގައި ވާހަކަ ދައްކަވަނީ

ޔާސިރު ޕައިލެޓެއްގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި އިރު އޭނާއަށް ވާނީ 22 އަހަރެވެ. މިއީ މިފަދަ ޕްރޮފެޝަނެއްގައި ވަޒީފާއަށް ނިކުތުމަށް ވަރަށް ހަގު އުމުރެކެވެ. މިއީ ކާމިޔާބެއްގެ ގޮތުގައި ޔާސިރުވެސް ދެކިލައްވަ އެވެ. އޭގެ އަހަރުތަކެއް ފަހުން ޔާސިރަކީ ޓްރެއިނިންގް ކެޕްޓަނެއްވެސް މެ އެވެ. އޭނާ މަސައްކަތް ކުރައްވާ އެއާލައިނެއްގައި އަލަށް ވަޒީފާއާއި ގުޅޭ ޕައިލެޓުންގެ ފުރަތަމަ ޓެސްޓު ފްލައިޓުތަކުގައި ތަމްރީނު ދެއްވުމުގެ ބޮޑު ޒިންމާ ޔާސިރު ނެންގެވި އެވެ. 

“އަޅުގަނޑު ޓްރެއިން ކުރާ ވަރަށް ގިނަ ކުދިން ވަރަށް އެޕްރިޝިއޭޓް ކުރޭ އެ ޓްރެއިން ކޮށްދޭ ގޮތާ އެކުދިން ޓްރެއިން ކޮށްދޭން އެ ލެވޭ އެފަރޓްއާ އެއްޗެހި ވަރަށް އެޕްރިޝިއޭޓް ކުރޭ ހުރިހާ ކުދިންވެސް”

މިހާރު ޔާސިރު މަސައްކަތް ކުރައްވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭންގަ އެވެ. އޭނާ އަކީ މިހާރު ލައިން ކެޕްޓަނެކެވެ. އެ އެއާލައިންގައި މިވަގުތު ތިއްބެވި ޕައިލެޓުންގެ ތެރެއިން އެންމެ ދުވަސްވީ ތަޖުރިބާކާރު އެއް ޕައިލެޓަކީވެސް ޔާސިރު އެވެ. އެހެންކަމުން އެ އެއާލައިންގެ އެކި ކަންކަމުގައި އިސްކޮށް މަޝްވަރާ ކުރައްވާ ޕައިލެޓުންގެ ތެރޭގައިވެސް ޔާސިރު ހިމެނެ އެވެ.

އަހުމަދު ޔާސިރު ދެން އޮންލައިންގެ ހަރުފަތް ޕްރޮގުރާމުގައި ވާހަކަ ދައްކަވަނީ

މިފަދަ މަސައްކަތެއްގައި މިހާ ހިސާބަށް އާދެވުމުން އާންމުކޮށް ބޯޓު އުދުއްސުމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ހަމައެކަނި ތަމްރީނުކޮށްދިނުމަށް ހާއްސަކޮށްފައި ޕައިލެޓުން ބައިތިއްބަ އެވެ. އެހެންނަމަވެސް އުދުހުމަކީ ޔާސިރު މާ ކުރާ ހިއްވެލައްވާ ކަމެކެވެ. އުދުހުމާއި ނުލައި ހުންނަން ބޭނުން ނުވާތީ ޔާސިރުގެ އެދިލެއްވުމުގެ މަތިން ދުވާލަކު އެއް ފްލައިޓު ނަމަވެސް އެޅުމުގެ ފުރުސަތު އެއާލައިނުން ޔާސިރަށް ދެއްވަ އެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި އައީ ކޮން ބަދަލުތަކެއްތޯ ޔާސިރާއި ސުވާލު ކޮށްލީމެވެ.

“ވަރަށް ބައިވަރު ޗޭންޖަސްތަކެއް މިހާރު އައިއްސި. އޭރުގަ ލިބޭނީވެސް އެންމެ ދުވަހެއް އޮފް.”

މިހާރު އައި ބަދަލުތަކުގެ ތެރޭގައި ޕައިލެޓުން އުފުލަންޖެހޭ ޒިންމާގެ ބޮޑުކަމާއިއެކު ލުއިތަކެއްވެސް ލިބިގެން ހިނގައްޖެކަން ޔާސިރު ފާހަގަކުރައްވަ އެވެ. 2000 ގެ ކުރީކޮޅު ރާއްޖޭގައި ސީޕްލޭން އެއާލައިންތައް ވަރަށް މަދެވެ. އުދުހޭ ބޯޓުތަކާއި އަޅާ ބަލާއިރު މަންޒިލުތައް ގިނަ އެވެ. އެހެންކަމުން ކޮންމެ ޕައިލެޓަކަށް ދުވާލެއްގެ މައްޗަށް ކުރަންޖެހޭ ދަތުރުތައް ގިނަވެ އެވެ. މިއާއެކު އުދުހުމުގެ އުސޫލުތަކާއި ގަވާއިދުތައްވެސް މިދިޔަ އަހަރުތަކުގައި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު ޕައިލެޓުން ވަކި ވަގުތަކު ޖައްސަ ޖައްސައިގެން އުދުހުމަށްފަހު ރެސްޓުގެ ގޮތުގައި ދެ ދުވަހާއި ތިން ދުވަހުގެ މުއްދަތެއް ދޭން ވަނީ މަޖުބޫރުކޮށްފަ އެވެ.

އަހުމަދު ޔާސިރު ދެން އޮންލައިންގެ ހަރުފަތް ޕްރޮގުރާމުގައި ވާހަކަ ދައްކަވަނީ

އުމްރާނީ ތަރައްގީގައިވެސް އޭވިއޭޝަން ދާއިރާއަށް ބަދަލުތަކެއް އައިސްފައިވާކަން ޔާސިރު ފާހަގަކުރައްވަ އެވެ. އެގޮތުން ބޯޓު ޖައްސައި އުދުއްސާ ސަރަހައްދުވެސް މިހާރު ވަނީ މުޅިން ބަދަލުވެފައިކަމަށް ޔާސިރު ވިދާޅުވި އެވެ.

މުޅި ދުނިޔޭގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ވަޒީފާއަކަށް އެންމެ ބޮޑު ގޮންޖެހުމެއް އައީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. ޕައިލެޓުންނަށްވެސް މި ބަދަލު އިހުސާސް ކުރަން ޖެހުނެވެ. ހާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އަދި ސިއްހީ ހިދުމަތް އެއް ތަނަކަށް ފުނިޖެހިފައި އޮތް ތަނެއްގައި ޕައިލެޓުން މަސައްކަތް ކުރަން ޖެހުނީ އާދަޔާ ހިލާފު ގޮތަކަށެވެ.

“މޯލްޑިވިއަންއިން ކޮންޑަކްޓް ކުރި ވަރަށް ބޮޑު އޮޕަރޭޝަނެއް. އެމްއެންޑީއެފްއާ ޑިޒާސްޓަރ މެނޭޖްމެންޓާ ގުޅިގެން.”

ކޮވިޑު ފެސިލިޓީތައް ރަށްރަށުގައި ގާއިމްކޮށްފައި ހުރިއިރު އެތަންތަނަށް ބަލި މީހުން ގެންދިޔުމާއި ސިއްހީ ދާއިރާގެ މުވައްޒަފުން ގެންދިޔުމުގެ ޒިންމާ ނެގީ މޯލްޑިވިއަންގެ ޕައިލެޓުންނެވެ. ޕައިލެޓުންނާއި ކެބިން ކްރޫން ތިބީ ޓާމިނަލްގައި ބޭސްވެގެންނެވެ. ދެ މަސް ދުވަހަށްވުރެއް ގިނަ ދުވަހު އެމީހުން ތިބީ ގެއަށް ނުގޮހެވެ. ޔާސިރަކީވެސް އޭގެ ތެރޭގައި ހިމެނުނު އެއް ޕައިލެޓެވެ. މީގެ ތެރެއިންވެސް އެއް ބަޔަކު ހާއްސަކުރީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އުފުލާށެވެ. ޔާސިރު ހުންނެވީ އެ މަސްއޫލިއްޔަތު ނަންގަވައިގެންނެވެ. 21 އަހަރުގެ ދިގު ކެރިއަރުގައި ޔާސިރަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާއަކީވެސް މިއީ އެވެ.

ޔާސިރުގެ މި ދަތުރުގައި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކިލައްވަނީ ބޮޑު އެކްސިޑެންޓެއް އޭނާގެ އަތުން ހިނގާފައި ނުވުމެވެ. މަސައްކަތަށް ފަރުވާ ބަހައްޓައިގެން ވަޒީފާ އަދާކުރުމުގެ އަޒުމު ޔާސިރުގެ އަދިވެސް އެބަ އޮތެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެ އަޒުމު އެގޮތުގައި ބާއްވަވާނެ ކަމަށެވެ.

Ads by HDC