ޚަބަރު

ދަރިންގެ ހަރަދުގެ ގޮތުގައި ދޭ 2000 ރުފިޔާ ބޮޑުކޮށް ގަވާއިދަަށް އިސްލާހުތަކެއް ގެންނަން ހުށަހަޅައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ފޮޓޯ/މަޖިލީސް)

ދެމަފިރިން ވަރިވެ, ކައިވެންޏަށް ލިބިފައިވާ ދަރިންނަށް ދޭން ޖެހޭ ހަރަދުގެ ފައިސާ ބޮޑުކޮށް, ގަވާއިދަށް އިސްލާހުތަކެއް ގެންނަން ހުށަހަޅައިފި އެވެ.

Ads by STELCO

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް އެޑްރެސް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ސިޓީއެއް ހުށަހަޅުއްވާފަ އެވެ.

ކުޑޫ ވިދާޅުވީ އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު ދޭން ޖެހޭ އަދަދު ކަމަށް ކަނޑައަޅާފައިވަނީ 2000 ރުފިޔާ ކަމަށެވެ.

އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދިނުމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ދެ ޔުނީފޯމާއި ބޫޓަކާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި ބޭސް ފަރުވާގެ ހަރަދުވެސް ދޭން ޖެހޭ ކަމަށް ބުނެފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުއްޖާގެ ހާލަތަށާއި ބަދަލުވެރިޔާ (ބައްޕަ) ގެ ތަނަވަސްކަމުގެ މައްޗަށް ރިއާޔަތްކޮށް އިތުރު ހަރަދުވެސް ނެގިދާނެ ކަމަށް ގަވާއިދާ ހަވާލާދެއްވާ ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ ހިދުމަތްތަކާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އެ 2,000 ރުފިޔާ އަކީ ދަރީންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށްވުރެ މާ ބޮޑަށްވެސް ކުޑަ އަދަދެއް ކަމަށާއި އެންމެ ކުޑަމިނުން ސްކޫލް ފީއާއި ޓިއުޝަން ފީތަކަށް އެކަނި ބަލާލިކަމުގައި ވިޔަސް 2000 ރުފިޔާއަކުން ނުފުއްދޭނެ ކަމަށެވެ.

އަދި ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީ ގެ ހަރަދުތަކަށް އެކަނި ބެލިނަމަވެސް އެ ފައިސާއިން ނުފުއްދޭނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

"ގަވާއިދުގައި މިއަދަދު ބަޔާން ކުރެވިފައިވުމުގެ ސަބަބުން ކޯޓު ގެ ދިގު މަރުހަލާތައް ކަޑައްތު ކުރުމަށްފަހުވެސް ލިބެނީ ހަމަ އަދަދު ކަމުން މީގެ ސަބަބުން ރޫޅިފައިވާ އާއިލާތަކާއި އެކަނިވެރި މައިންނަށް މިކަން ވަނީ ބަރުދާސްތުކުރަން އުނދަގޫ ކަމަކަށް"

ކުޑޫ އެދިވަޑައިގެންނެވީ އެކަން މަޖިލީހުގެ ގަވާއިދު ކޮމެޓީ މެދުވެރިކޮށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓްރީއާ ބައްދަލުކޮށް ގަވާއިދަށް ގެންނަން ޖެހޭ އިސްލާހީ ހެޔޮ ބަދަލުތައް ގެނެވޭނޭ ގޮތް ހައްދަވައި ދެއްވުމަށެވެ.