ފޮނަދޫގައި ޝޮޕިން ކޮމްޕްލެކްސްއެއް އަޅަން ހުޅުވާލައިފި

ލ. ފޮނަދޫގައި ޝޮޕިން ކޮމްޕްލެކްސްއެއް ތަރައްގީކޮށް، ހިންގުމަށް 15،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުގެ އިދާރާއިން އިއުލާނުކޮށްފި އެވެ.
ފޮނަދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ކުއްޔަށް ދޫކުރާ ބިން އޮތް ތަނަކީ އެ ރަށު ދަ ޖެމްކިޗަންގެ ދެކުނުން ބޮޑުތަކުރުފާނުމަގުގެ ހުޅަނގުން ބޮޑުމަގުގެ އުތުރުން B-99 ބްލޮކް ކަމަށެވެ.
އެ ބިމުގައި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޝޮޕިން ކޮމްޕްލެކްސްއެއް ތަރައްގީކޮށް، ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ކައުންސިލުގައި ރަޖިސްޓްރީވެ، ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ރަޖިސްޓްރީވުމަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރާނެ އެވެ.
ބީލަމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް އިއުލާނާ އެކު ގެޒެޓުކޮށްފައިވާކަން ފާހަގަކޮށް ފޮނަދޫ ކައުންސިލުން ބުނި ގޮތުގައި އިތުރު މައުލޫމާތު [email protected] އަށް މެއިލް ކުރުމުން ދޭނެ ކަމުގައި ކައުންސިލުން ބުންޏެވެ.
ޝޮޕިން ކޮމްޕްލެކްސް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ސުންގަޑި ކަމުގައި ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އެވެ. ބީލަން ހުޅުވާނީ އެ ދުވަހުގެ އެ ގަޑީގައި ބާއްވާ ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި ކަމަށް އިއުލާނުގައިވެ އެވެ. އެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލުގެ މީޓިން ރޫމުގަ އެވެ.