ޚަބަރު ސަރުކާރު

އެކަނި ދަރިން ބަލަަހައްޓާ މައިންނާއި ބަފައިންނަށް ދިން އެހީ 55 މިލިއަނުން މައްޗަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާއިލާއެއް މަގެއްގެ މަތިން ހިނގާފައި ދަނީ / ފޮޓޯ:ދެން އިމޭޖްސް

ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަަހައްޓާ މައިންނާއި ބަފައިންނަށް ދިން އެހީގެ އަދަދު 55 މިލިއަން ރުފިޔާއިން މައްޗަށް އަރައިފި އެވެ.

Ads by MWSC

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު އެހީގެ ތަފްސީލު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެ ޕްރޮގްރާމުގައި 3،235 މައިންނާއި ބަފައިންނާ އަދި 5،533 ކުދިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ހިނގަމުން މިދާ ނޮވެމްބަރު މަހާ ހަމައަށް 55،735،000 ރުފިޔާ އެ ޕްރޮގްރާމުގެ ދަށުން ދޫކުރި ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އެެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މަހަކު ކުއްޖަކަށް ދެނީ 1،000 ރުފިޔާ އެވެ. އަދި ދަރިން ތިބި އަދަދަށް ބަލައި ގިނަވެގެން 10،000 ރުފިޔާ އާ ހަމައަށް އެހީދެ އެވެ.

އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީ ދޭ މި ޕްރޮގްރާމަކީ އެ ފަރާތްތަކުން ބަލަހައްޓާ ކުދިން ބިކަ ވިޔަނުދީ މުޖުމައުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މައިން ނުވަތަ ބަފައިން މެދުވެރިކޮށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމެކެވެ.

Ads by Allied Insurance