އެކައުންޓް ހެކްކޮށް ފައިސާ ހޯދި މައްސަލައިގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން
މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެކައުންޓް ހެކްކޮށްގެން އެ މީހާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ޖަމާކޮށްފައި ވަނީ ފުލުހަކާ ގުޅުން އޮންނަ އަންހެނެއްގެ އެކައުންޓަކަށް ކަމަށް ތުހުމަތުކޮށްފައި ވަނީ އެ ސްކޭމްގައި ޖެހުނު މީހުންނެވެ.
މިދިޔަ އަންގާރަ ދުވަހު އެ އިދާރާއަށް ހުށަހެޅި މައްސަލަ އާ ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ މި މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެ މީހާ ދަންނަ މީހުންނަށް މެސެޖުކޮށް، އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. މައްސަލަ އާ ގުޅުންހުރި އިތުރު 3 މައްސަލައެއް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ އިދާރާއަށް މައްސަލަ ހުށަހެޅުމާ އެކު، ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ވައިބާ އެކައުންޓް ރިކަވާކޮށް އެ އެކައުންޓުގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެކައުންޓް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ތަފާތު 3 މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10،100 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމުގަ އެވެ. އަދި މި ފައިސާގެ ތެރެއިން 5،600 ރުފިޔާ، ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމުގަ އެވެ.
މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތު ކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމުގަ އެވެ.
"މި މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުންކުރި އެއް ބޭންކް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކް އެކައުންޓު ކަމުގައިވީ ނަމަވެސް، އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލް އާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ފާހަަގަކުރެވިފަ އެވެ،"
ބަޔާނުގައި ވަނީ މައްސަލައިގެ ތަހުގީގުގައި އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން މިކަމުގައި ފާހަގަކުރެވިއްޖެ ނަމަ، އެ ފުލުހެއްގެ މައްސަލަ ބަލާނެކަން ފާހަގަކޮށްފަ އެވެ.
މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމްއިން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އެ އިދާރާގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަަގަކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.