އަހަރުގެ މިހާތަނަށް 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފި
އެކި އެކި މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރުފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން ގެނެސްދޭ "52 ހަފްތާ" ޕްރޮގްރާމް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފުލުހުންގެ ގާނޫނާއި ފުލުހުންގެ ހިދުމަތަކީވެސް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވޭނެ ގޮތަށް ބައްޓަން ކޮށްފައި އޮތް ގާނޫނަކާއި ހިދުމަތެއް ނޫން ކަމަށެވެ.
އެހެންކަމުން ކޮންމެ ފުލުހަކުވެސް ފުލުހުންގެ ވާޖިބު އަދާކުރުމުގައި އެއީ ކޮންމެހެން ހިފަހައްޓަން ޖެހޭނެ މިންގަނޑުތަކެއްކަން ގާނޫނުތަކާއި އުސޫލުތަކުގައިވެސް ލިޔެފައި އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުން ނުފޫޒުތަކުން ކަންކަން ކުރިކަމަށް ތުހުމަތުކޮށް މީގެކުރިން އިނގިލި ދިއްކޮށްފައި އެބަހުރި ކަމަށާއި އެހެންނަމަވެސް ކޮންމެ ފުލުހަކުވެސް ފުލުހުންގެ ގާނޫނާއި ހެދިފައި ހުރި އުސޫލުތަކާ އެއްގޮތަށް ތަރުތީބުވެގެން ހިދުމަތްދެވޭ ބަޔަކަށް ހެދޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.
ފުލުހުންނަކީ އެ ފުލުހަކު ހަރަކާތްތެރިވާ ދާއިރާއެއްގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ފުލުހަކަށްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސީޕީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެކަމުގައި ފުލުހުންނަށް ދޭން ޖެހޭ ތަމްރީންތަކާއި ފުލުހަކު ކުރާ ކަމެއްގައި ވަގުތުން ފިޔަވަޅު އަޅާ ދެވަނަ ފަހަރު އެކަހަލަ ކަމެއް ނުކުރާނެ ގޮތަކަށް މުޅި ސިސްޓަމްގެ މަސައްކަތް ބައްޓަންވެގެން ދިޔުން ހިމެނޭ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެކަންކަން ހައްލުވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންނަކީ ނުފޫޒުންނާއި ކުށްތަކުން އެއްކިބާވެފައި ތިބި ބަޔަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރާ ފަރާތްތަކަށްވެސް ފުލުހުންގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ފިޔަވަޅު ވެސް އަޅާ ކަމަށެވެ.
"މިއަހަރު އަޅުގަނޑުމެން އޭގެ ތަފާސް ހިސާބަކަށް ދާ ކަމުގައި ވާނަމަ ފުލުހުންގެ އެކި އެކި މިސްކޮންޑަކްޓް އަދި މުޖުތަމައުގެ ތެރޭއިންވެސް އަދި ސޯޝަލް މީޑިއާގައިވެސް ފުލުހުންނާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތައް ބަލާ, 50 އަށް ވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އެޅިފާ. އޭގެ ތެރެއިން 20 ފުލުހަކު ވާނެ މޯލްޑިވްސް ޕޮލިސް ސާވިސުން ވަކިކުރެވިފައި"
ޝުޖާއު ވިދާޅުވީ ފުލުހަކާ ގުޅިގެން ހުށަހެޅޭ މައްސަލައެއްގައި ފުލުހުންގެ ތެރޭގައި އެ މައްސަލަ ބަލައި، ފުލުހުންގެ މަސައްކަތަށް ފާރަވެރިވާ މިނިވަން ދެ މުއައްސަސާގެ ތަހުގީގުތަކަށް ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.