ފުވައްމުލަކުގެ ގެއެއްގައި ރޯވުން: އަލިފާން ރޯވީ ކޮޓަރީގައި އޮތް ގޮދަޑިއެެއްގައި

ރޭ ފުވައްމުލަކު ސިޓީގެ ގެއެއްގައި އަލިފާން ރޯވި ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮދަޑިއެއްގައި ރޯވުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެ ސިޓީގެ މިސްކިތްމަގު "ޝިވާ" ނަމަކަށް ކިޔާ ގޭގަ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 10:05 ހާއިރު ކަމަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަނަށް އެ މައުލޫމާތު ލިބުމާ އެކު، އެ ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. ފަޔަ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 10:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮދަޑިއެއްގައި ކަމުގަ އެވެ.
"ހާދިސާ ހިނގި ވަގުތު އެ ކޮޓަރީ ތެރޭ ކުޑަ ދެ ކުދީން ތިބި ނަމަވެސް، އަލިފާނުގެ ސަބަބުން އެއްވެސް އަނިޔާއެއް އެކުދީންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ،"
ފުވައްމުލަކުގައި ހިނގި އެ ހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ޝިވާ ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ހާދިސާ އާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.