ކްރެޑިޓް ރޭޓިން ދެމެހެއްޓީ އިގުތިސޯދު ހަމައަކަށް އަޅުވަން ކުރި މަސައްކަތުން: ފައިސަލް
ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓީ އިގުތިސޯދު ހަމައަކަށް އަޅުވަން މި ސަރުކާރުން ކުރި މަސައްކަތުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މޫޑީސްއިން ބުނީ ކްރެޑިޓް ރޭޓިން ދެމެހެއްޓީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި ބޭރު ފައިސާ އާ ބެހޭ ގަވާއިދުތަކާ އަދި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫޑީސްއިން އާންމުކޮށް ޝާއިއުކުރި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މޫޑީސްއިން ރޭޓިން ދަށްނުކޮށް ދެމެހެއްޓުމާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އެކަމުން ދޭހަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގުތިސޯދު ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކަމަށެވެ. އިގުތިސޯދު ހަރުދަނާކޮށް، ފާގަތި މުސްތަގުބަލެއް ހޯދަން އަޅާ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގައި ދެމިތިބޭނެކަން ފާހަގަކުރެއްވި އެވެ.
މޫޑީސްގެ ބަޔާނުގައި ބުނީ ފާއިތުވެދިޔަ މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށެވެ.
އެގޮތުން، މިދޔަ ސެޕްޓެމްބަރު މަހު، ރާއްޖެ އާއި އިންޑިއާ އާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރި މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާ އެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެ ކަމަށް ވެސް މޫޑީސްއިން އަންދާޒާ ކޮށްފައިވެ އެވެ.
ނަމަވެސް، ކުރިއަށް އޮތް 12-18 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށެވެ.
މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ރާއްޖޭގެ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާ އަދި އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގެ މައްޗަށް ކަމުގަ އެވެ.