Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް 24 ގަޑިއިރު އެހީ ލިބޭ ނަމްބަރެއް

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް 24 ގަޑިއިރު އެހީ ލިބޭ ނަމްބަރެއް
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޒޭޝަންގެ ހިދުމަތް ދިނުމަށް ކުރަމުން އަންްނަ މަސައްކަތުގެ ތެރެއިން ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ކުއިޓް ލައިންގެ ހިދުމަތް ފަށަން ނިންމައިފި އެވެ. ސިޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކެބިނެޓުގެ ލަފަ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ސިޒޭޝަންގެ ހިދުމަތަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންދޭ ފަރުވާއެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމި ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ ސިޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުއިޓް ލައިންއެއް މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ.
"މިއީ 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތަށް ގާއިމުކުރެވިފައިވާ ކުއިޓް ލައިނެއް. މި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، އާދިއްތަ ދުވަހުން ފެށިގެން މި ކުއިޓް ލައިންގެ ހިދުމަތް އެޗްޕީއޭ މެދުވެރިކޮށް ދެވެމުންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އެ ކުއިޓް ލައިންގެ ނަމްބަރަކީ 1676 އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗާއި ގަމް އަދި އެހެނިހެން ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމުގަ އެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރޭވުންތެރިކަމާ އެކު ނަތީޖާ ނެރެވޭނެހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސްގެ ނިންމެވުމަކުން 5 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށް  ނާޒިމް ވިދާޅުވި އެވެ. ޕްލޭން އެކުލަވާލުމުގައި ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަން ޖެހޭ ކަންކަން ހެލްތު މިނިސްޓްރީން ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ކައުންސިލުތަކުން އިސްނަގައިގެން ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
"މިގޮތުން އެންމެ ރަނގަޅު މަސައްކަތްތައް ކުރާ ކައުންސިލްތަކަށް އެ އިދާރާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު، ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ދުރު ރާސްތާގެ ޕްލޭން އެކުލެވިގެންދާއިރު އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން އެކަން ފަހިކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލުތައް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ވަނީ ނިންމާފަ އެވެ. އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ހިދުމަތެއްގެ ގޮތުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި ސިޒޭޝަންގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް