އާސަންދަ ސްކީމުން ކަވަރުކުރާ ބޭހެއް ގަންނަން ޖެހޭނަމަ ރިޕޯޓްކުރަން އިލްތިމާސްކޮށްފި

އާސަންދަ ސްކީމުން ކަވަރުކުރާ ބޭހެއް ގަންނަން ޖެހޭނަމަ ރިޕޯޓްކުރަން އިލްތިމާސްކޮށްފި އެވެ.
އާސަންދަ ކުންފުނިން މިއަދު އެކްސްގައި ބުނީ އާސަންދަ ސްކީމުން ކަވަރުނުކުރާ ހިދުމަތްތަކާ ގުޅިގެން ދޭ ބޭހެއް ނަމަ ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ.
އެހެން ނަމަވެސް ސްކީމުން ކަވަރުކުރާ ބޭހެެއް، ސްކީމުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ ޝިކާވަތި ޗެޓްލައިން، 7951400 އަށް ވައިބާ ނުވަތަ ވަޓްސްއެޕްއިން މެސެޖުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އާސަންދަ ސްކީމަށް ބޭސް ފިހާރަތަކުން މަކަރު ހެދުމުގެ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވާ އިރު އެފަދަ ބޭސް ފިހާރަތަކަށް އާސަންދަ ކަނޑާލައިފައިވެސް އެބަ ހުއްޓެވެ.
ބޭސް ސިޓީއަށް މަކަރު ހެދުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު ބޭހާއި ހަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން ވެސް މިދިޔަ މަހު އަލުން ވަނީ ފަށައިފަ އެވެ.
އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަަގުވެސް ސަރުކާރުން ވަނީ ދާދި ފަހުން ހެޔޮކޮށްފަ އެވެ.