ޕޮލިސް އެކަޑަމީގެ މަރާމާތަށް އިންޑިއާއިން 8.5 މިލިއަން ދީފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ މަރާމާތަށް އެ ގައުމުން 8.5 މިލިއަން ރުފިޔާ ދީފި އެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ، 171 ފުލުހަކު ފާސްވެ ކާމިޔާބުކަމާ އެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ.
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ރޭ ޕޮލިސް އެކަޑަމީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ތަމްރީނު ލިބިފައިވާ ފުރިހަމަ ފުލުހަކަށް މީހާ ބަދަލުވެ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ ބާރާއި އިހުތިޔާރުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރަސްމީ ހައިސިއްޔަތުން ފަށައިގަތުމަށް އަޅާ ފުރަތަމަ ފިޔަވަޅު އެޅޭ ދުވަހަކީ ތަމްރީނުތައް ނިމި އެކަން ރަސްމިއްޔާތެއްގައި ފާހަގަކުރާ ދުވަސް ކަމަށެވެ.

ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ފުލުހުން
ތަމްރީނުތައް ފުރިހަމަކުރި ފުލުހުންނަށް މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވީ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ޑްރަގުގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިދުމަތާ އަލަށް ގުޅޭ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ގޭންގުތައް ހަދައިގެން ކުށްތައް ކުރުން އެއްކޮށް ހުއްޓުވުމަކީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެއީ ތިކުދިންގެ މިޝަން. ކުށުގެ މާހައުލުގައި އުޅޭ ކުށް ކުރަމުންދާ ތުއްތު ކުދިން އެ މާހައުލުން ސަލާމަތްކޮށް، ރައްކާތެރި މާހައުލަކަށް ގެންގޮސް އެ ކުދިންނަކީ ދިވެހިރާއްޖެއަށް ފައިދާހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެން ގުޅިފައިވާ މި ހޯމް ޓީމުގެ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިގެންދާ ބޮޑު ޒިންމާއެއް،"
ޑްރަގުގެ މައްސަލަ ހައްލު ކުރުމުގެ ތެރެއިން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ޑްރަގު އަތުލައިގަނެވިފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ. ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެވުނު ޑްރަގްސް އާ އެކުގައި 1.3 ބިލިއަން ރުފިޔާގެ ޑްރަގްސް މުޖުތަމައުގެ ތެރެއަށް ދިޔުން ހުއްޓުވާފައިވާކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް ޓީމުގެ ތެރޭގައި ހިމެނޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ތަމްރީނުތައް ފުރިހަަމަކުރި ފުލުހުން އަޒުމު ވަރުގަދަކަމާ އެކު ކުރިމަތިލާން ޖެހޭނެ "ޗެލެންޖެއް" ކަމުގަ އެވެ. އެކަންކަމަކީ މިއަދު ފުލުހުންގެ ފަރާތުން އާންމުން އެދޭ އެދުމެއް ކަމުގަ އެވެ.

ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ފުލުހުން
އިހްސާން ވިދާޅުވީ، ޕޮލިސް އެކަޑަމީގެ މަރާމާތު ކުރުމަށް އިންޑިއާގެ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެކަމުން ދޭހަވަނީ ދެ ގައުމުގެ މެދުގައި އޮތް ހާއްސަ ގުޅުން ކަމުގައި ފާހަގަކުރެއްވި އެވެ.
އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަމިތް ގަޖް ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި އިހްސާން ވަނީ އިންޑިއާއިން ފޯރުކޮށްދޭ އެހީއަށް އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ފުލުހުންގެ އާއިލާތަކުން ބައިވެރިވެ ވަޑައިގެންނެވި އެވެ.