މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރު ޖަވާބުދާރީ ކުރުވަން ނުކުޅެދިއްޖެ ނަމަ، 2028 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބާއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައި ޕާޓީން ރޭ ކާނިވަލުގައި ބޭއްވި "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލު ވިދާޅުވީ ހުދުމުހުތާރު ސަރުކާރެއްގެ ގާނޫނީ ހައިސިއްޔަތު ނިމުނު ކަމަށް ވިނަމަވެސް، އެފަދަ ސަރުކާރެއްގެ ދައުރު ނިމި އަދި ޝަރުއިއްޔަތު (ލެޖިޓިމަސީ) ގެއްލުނަސް އެފަދަ ސަރުކާރުތަކަކީ އެހާފަސޭހައިން ވެރިކަމުން އަތްދޫކޮށްލާ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިރޭ ތިބޭފުޅުންނާ އެކު މި މައިދާނުގައި ހުއްޓި މިހުރީ އަޅުގަނޑުމެން މި މަސައްކަތް ނުކޮށްފި ނަމަ، އަޅުގަނޑުމެން މިއަދު މި ގުރުބާނީ ނުވެއްޖެ ނަމަ، މި އެމްޑީޕީ ގާނޫނު އަސާސީގެ ދިފާއުގައި ނުނިކުމެއްޖެ ނަމަ، މި ސަރުކާރު ޖަވާބުދާރީ ކުރުވަން އަޅުގަނޑުމެން ނުކުޅެދިއްޖެ ނަމަ، 2028 ގައި މި ސަރުކާރުން އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބެއް ނުދޭނެކަން ޔަގީންވާތީ،"
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ "ރިޔާސީ އިންތިހާބު މި ޕާޓީން ޖެހޭނީ އަމިއްލައަށް ކަށަވަރުކުރަން. އެ ރިޔާސީ އިންތިހާބު ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް ހޯދަން،" ކަމަށެވެ.
އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގެ ކުރިން، ކާނިވާ ސަރަހައްދުގައި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުމަށް ޕެޓިޝަނަކާއި ގަރާރެއް ހުށަހެޅި އެވެ.
އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި ގަރާރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނާ އަސާސީގެ ރޫހާ ހިލާފަށް ގެނައި ބަދަލު ބާތިލު ކުުރުމަށް އަދި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް އެކަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގުމަށެވެ.
ގަރާރު ހުށަހަޅުއްވަމުން އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދު ވިދާޅުވީ މެމްބަރުކަން ގެއްލޭ ފަދަ ހާލަތެއް 'އުފަން' ކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށެވެ.
އެހެންވެ މަހުފޫޒް ހުށަހެޅުއްވީ ގާނޫނު އަސާސީއަށް ގެނައި ބަދަލު، އިއާދަކުރަން ރައްޔިތުންގެ މަޖިލިހަށް އެންގުމަށެވެ. އަދި ގެނައި އިސްލާހު ބާތިލުކުރަން ދެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، ޖަމިއްޔާތަކާއި ފަންނީ މީހުންނާ އެކު މަސައްކަތް ކުރުމަށެވެ.
ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 މެމްބަރުންގެ އިއްތިފާގުން މާރިޔާ ހުށަހެޅުއްވި ޕެޓިޝަނާއި މަހުފޫޒުގެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.