މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހައްޔަރުކޮށްފާނެ ހާލަތަކަށް ތައްޔާރުވެ، އެ ޕާޓީގެ ހަރަކާތްތައް ހިންގާނެ ބަޔަކު ކަނޑައަޅައިފި އެވެ.
އެކަން ހާމަކޮށްފައި ވަނީ އެ ޕާޓީން ރޭ ކާނިވަލުގައި ބޭއްވި "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގެ ކުރިން ކުރިއަށް ގެންދިޔަ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.
"ޕާޓީގެ ލީޑަޝިޕް ހައްޔަރުވާ ހާލަތްތަކުގައި ޕާޓީ ކުރިއަށް ގެންދާނެ ބޭފުޅުން ކަނޑައަޅުއްވާ ދެއްވާފައިވާތީވެ، ވަރަށް ބޮޑަށް ތިބޭފުޅުންނަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.
އެ ނިންމުން ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ނުރަސްމީ ގައުމީ މަޖިލިހުގެ ޖަލްސާގައިކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެކަން ހަވާލުކުރީ ކޮން ބަޔަކާ ކަމެއް ޗެއާޕާސަން ހާމަކުރައްވާފައެއް ނުވެ އެވެ.
ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ޕެޓިޝަނަކާއި ގަރާރެއް ހުށަހެޅި އެވެ.
އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި ގަރާރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނާ އަސާސީގެ ރޫހާ ހިލާފަށް ގެނައި ބަދަލު ބާތިލު ކުުރުމަށް އަދި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް އެކަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންގުމަށެވެ.
ގަރާރު ހުށަހަޅުއްވަމުން އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދު ވިދާޅުވީ މެމްބަރުކަން ގެއްލޭ ފަދަ ހާލަތެއް 'އުފަން' ކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށެވެ.
އެހެންވެ މަހުފޫޒް ހުށަހެޅުއްވީ ގާނޫނު އަސާސީއަށް ގެނައި ބަދަލު، އިއާދަކުރަން ރައްޔިތުންގެ މަޖިލިހަށް އެންގުމަށެވެ. އަދި ގެނައި އިސްލާހު ބާތިލުކުރަން ދެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް، ޖަމިއްޔާތަކާއި ފަންނީ މީހުންނާ އެކު މަސައްކަތް ކުރުމަށެވެ.
ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 މެމްބަރުންގެ އިއްތިފާގުން މާރިޔާ ހުށަހެޅުއްވި ޕެޓިޝަނާއި މަހުފޫޒުގެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.