ހައުސިން މިނިސްޓްރީ ހުރި ސަރަހައްދުގެ ގެތަކުން 50 މީހަކު ސޯޝަލް ސެންޓަރަށް
ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ހުންން ގްރީން ބިލްޑިންގައި އަލިފާން ރޯވުމުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުން 50 މީހަކު ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާއިރު، އަލިފާން ރޯވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި އިމާރާތްތަކަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާލިބިފައިވާ ކަމަށް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފަިވާ ކަމަށެވެ.
އަދި ދުމުގެ އަސަރު ކުރި ހުރިހާ ތަންތަނަކަށް, ސްކޫލްތަކާއި ކައިރި އޮފީސްތައް ބަންދުކުރަން އަންގާފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިވޭކުއޭޝަން ސެންޓަރެއް މިހާރު ސޯޝަލް ސެންޓަރުގައި ގާއިމުކުރެވިފައިވާނެ ކަމަށެވެ. އަދި އެންޑީއެމްއާއި ރެޑް ކްރެސެންޓާ އަދި އެ ނޫންވެސް ފަރާތްތައް އެތަނުގައި ހަރަކާތްތެރިވާ ކަމަށް ހިސާން ވިދާޅުވި އެވެ.
އިވެކުއޭޝަން ސެންޓަރު ގާއިމުކޮށްފައިވާ ސޯޝަލް ސެންޓަރަށް ހުރިހާ އެންމެން ވެސް ދިއުމާއި އެންޑީއެމްއޭގެ ޓީމުތަކުން ދޭ ލަފަޔާއި އިރުޝާދާ އެއްގޮތަށް އެތަންތަނުގައި ތިބުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެން މިހާރު 50 އަކަށް މީހުން ޝޯސަލް ސެންޓަރަށް ދިއުމުގެ މަގުމަތީގައި އެބަ ތިބި"
ހިސާން ވިދާޅުވީ ވަގުތީ ގޮތުން ގެތަކުން ބަދަލުކުރެވޭނެ އަދަދަދު އެނގޭނީ އެތަނަށް މީހުންދާ މިންވަރަކުން ކަމަށެވެ.
ގާތްގަނޑަކަަށް 4 ގަޑިއިރާއި 6 ގަޑިއިރާ ދެމުދު ވަގުތަކަށް އެ މީހުން ދިރިއުޅޭ ތަންތަނުން ނިކުމެ ތިބެން ޖެހިދާނެކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ އެ ވަގުތުގައި ފޯރުކޮށްދޭން ޖެހޭ ކެއުން ބުއިމާއި ބޭސް ފަރުވާއާއި މުއައްސަސާތައް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ.
އިމާރާތުގައި އަލިފާން ރޯވި ނަމަވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެ މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމާއި މައުލޫމާތަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ރައްކާކޮށްފައިވާ ކަމަށެވެ.